ދުނިޔޭގެ ރީތީގެ ރާނީ އަދި، ބޮލީވުޑް ގެ ކުޅަދާނަ ފިލްމީ ތަރި އައިޝްވަރިޔާ ރާއި ސައިފް އަލީ ޚާން އާއި އެކު ސުޖޯއި ޖޯޝްގެ އާ ފިލްމު "ޖަޒްބާ" ކުޅެން ސޮއި ކޮށްފި އެވެ. މި ފިލްމު ބިނާވެގެން ވަނީ ޖަޕާނުގެ ވާހަކަލިޔުންތެރި އެއް ކަމަށްވާ ކެއިގޯ ހިގަޝީނޯގެ ފޮތެއް ކަމުގައިވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" ގެ މައްޗަށެވެ.

އެންމެ ފަހުން "ގުޒާރިޝް" ގައި ފެނިފައިވާ އައިޝްވަރިޔާ ވަނީ އޭނާގެ މިހާރު ތިން އަހަރު ވެފައިވާ ދަރިފުޅު އާރަދްޔާ ބެލުމަށް ފިލްމީ ދުނިޔެއާ ދުރަށް ޖެހިފައެވެ. ނަމަވެސް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން އަނބުރާ ބޮޑު ސްކްރީނުން އައިޝްވަރިޔާ ފެނިގެންދާނީ "ޖަޒްބާ" ގައި ވަކީލެއްގެ ރޯލުންނެވެ.

މި ފިލްމުން އައިޝްވަރިޔާ ރާއި އާއި ސައިފް އަލީ ޚާން ގެ އިތުރުން އިރުފާން ޚާން، ޝަބާނާ އަޒްމީ، އަދި ޖެކީ ޝްރޮފް ފެނިގެންދާނެ އެވެ.

ފިލްމު ބޮޑު ސްކީރުނުގައި އޮކްޓޯބަރު ނުވައެއް ގައި އެޅުވުމަށް ކަނޑައެޅިފައި ވާ އިރު ފިލްމުގެ ޓްރެއިލާ އޮގަސްޓް 15 ގައި ރިލީޒް ކުރެވޭނެ އެވެ.

"ޖަޒްބާ" ގެ އިތުރުން އައިޝްވަރިޔާ ވަނީ ކާމިޔާބު ފިލްމު "މެރީ ކޮމް" ގެ ޑިރެކްޓާ އޮމަންގް ކުމާރުގެ ނިކުންނަން އޮތަ ފިލްމު ކުޅުމަށް ވެސް ސޮއި ކޮށްފަ އެވެ. މި ފިލްމު ބިނާވެގެންވަނީ ޕާކިސްތާނު ޖަލެއްގައި 2003 ވަނަ އަހަރު މަރުވެފައިވާ ސަރަބްޖިތް ސިންގް ގެ ހަޔާތުގެ މައްޗަށެވެ. މީގެ އިތުރުން އައިޝްވަރިޔާ ވަރަށް އަވަހަށް ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާއާ އެކު ކަރަން ޖޯހަރުގެ ފިލްމު "އޭ ދިލް ހޭ މުޝަކިލް" ގައި ވެސް މަސައްކަތް ކުރަން ފަށާނެ އެވެ.