03 Aug 2015, 16:19
އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެއިން) ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާގެ މަގާމުގައި ހުންނެވި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ސައުދީ އަރަބިއްޔާއިން ރިޝްވަތު ދިންކަން ހާމަވާ ވިކިލީކްސްގެ ލިޔުމެއް ކަމަށް ބުނެ، އަމިއްލައަށް އުފެއްދި ލިޔުމެއް އެގައުމުގައި ފަތުރައިފިއެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން އިއްޔެ ބުނީ ވިކިލީކްސްގެ ލިޔުމެއް ކަމަށް ބުނެ، އޮޅުވާލައިގެން އަމިއްލައަށް އުފައްދާފައިވާ އެ ލިޔުން އީރާނު ސަރުކާރުގެ ނިއުސް އެޖެންސީތަކާއި ސަރުކާރަށް ތާއީދުކުރާ އެޖެންސީތަކުން މިދިޔަ އަންގާރަ ދުވަހު ފަތުރާފައިވާ ކަމަށެވެ.
އީރާނުގެ ނިއުސް އެޖެންސީއަކުން އެލިޔުން ފެތުރުމުން ވިކިލީކްސް އިން ވެސް ވަނީ އެއީ ދޮގު ލިޔުމެއް ކަމަށް ބުނެ ރައްދުދީފައެވެ. އަދި ޑރ. ޝަހީދު ވެސް ވަނީ އީރާނުގެ ތުހުމަތުތަކާ ދެކޮޅު ހައްދަވާފައެވެ.
ޑރ. ޝަހީދުގެ އަގު ވައްޓައިލުމަށް އީރާނުން މިފަދަ މަސައްކަތެއް ކޮށްފައި މިވަނީ އެކަމަށް ވަރަށް އެކަށޭނަ ވަގުތެއްގައެވެ. އެއީ އީރާނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައުދީ އަރަބިއްޔާއިން ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައިވާކަން ހާމަވާ ލިޔުމެއް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވިކިލީކްސް އިން ވަނީ ފަޅައި އަރުވާލާފައެވެ. އެލިޔުންތަކުން އެނގޭ ގޮތުގައި އީރާނުގެ ކުރީގެ ރިފޯމިސްޓް މިނިސްޓަރުގެ ދަރިކަލުން އާޔަތުﷲ މުހަޖިރާނީއަށް އެތައް ހާސް ޕައުންޑެއް ދިން ކަން ވެސް އެ ލިޔެކިއުންތަކުން ވަނީ ހާމަވެފައެވެ.
މެދުއިރުމަތީގައިވާ އީރާނާއި އެންމެ ވާދަވެރި އެއް ގައުމަކީ ސައުދީ އަރަބިއްޔާއެވެ.