03 Aug 2015, 18:50
މީގެ ފަސް ދުވަސް ކުރިން ބ. ތުޅާދޫގައި މަރުވެފައި އޮތް ތުއްތު ކުއްޖެއް ފެނުނު މައްސަލައިގައި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް މިއަދު ވިދާޅުވީ، ތުޅާދޫގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު މަރުވެފައި އޮތް ކުއްޖަކު ފެނުނު މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކައިވެނިން ބޭރުން، 18 އަހަރު އަންހެން ކުއްޖަކު ހަތް މަހުގައި ވިހާފައިވާ ދަރިފުޅު މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ކުއްޖާގެ ގޭގެ ފާހާނާގެ ފެންހިންދާ ނިޒާމުގެ ތެރެއިންނެވެ. އެ ކުއްޖާ ފެނުނު އިރު ކުއްޖާ މަރުވިތާ ގާތްގަނޑަކަށް 48 ގަޑިއިރު ވެފައިވާނެ ކަމަށް ޑޮކްޓަރުން ލަފާކުރެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގް ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ވެސް ތުޅާދޫގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް އިތުރު ތަހުގީގުތައް ކުރުމަށް ފަހު ވަނީ ވަޅުލާފަ އެވެ.
މިއަދު ހައްޔަރުކުރި 18 އަހަރުގެ އަންހެންމީހާ ވިހެއި ތުއްތުކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ އަންހެން މީހާ ބަނޑުބޮޑުކަން އެ ރަށުގެ މީހުންނަށް އެނގުނީ ވެސް ވިހެއި ފަހުން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.