ނިމި ދިޔަ ޓްރާންސްފާ ޕީރިއަޑްގައި ރެއާލް މެޑްރިޑުން ފްރީ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅުނު ޖަރުމަންގެ މިޑްފީލްޑަރު ސާމީ ކެދީރާއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ޔުވެންޓަސްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަހްމަތްތެރިކަމުގެ މެޗެއް ކުޅެމުން ދަނިކޮށް ކެދީރާގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ދެ މަސްދުވަހުގެ މުއްދަތައް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަަމަށެވެ.

"ކުރިއަށް އޮތް ދެމަސް ދުވަހު ޔުވެންޓަސް އިން ކުރިއަށްދާން ޖެހޭނީ ކެދީރާ ނުހިމަނައި. މިވަގުތަކީ އޭނާ ނެތްތަން ފޫބެއްދުމަށް ޓީމަށް މިޑްފީލްޑަރެއްގެ މުހިންމުކަން ބޭނު ޖެހިފައިވާ ދަނޑިވަޅެއް،" ޔުވެންޓަސްއިން ކެދީރާގެ އަނިޔައާ ގުޅިގެން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ޔުވެންޓަސްއިން ބުނެފައިވަނީ އިންޖަރީއާ ގުޅިގެން ކެދީރާ ހަދަން ޖެހޭ ޓެސްޓުތައް ފުރިހަމަކޮށްފައިވާކަމަށާއި އަނިޔާ ލިބިފައި ވަނީ ކަނާތު ފައިގެ ފަލަމަސްގަނޑަށް ކަމަށެވެ.

ކެދީރާއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ފްރާންސްގެ މާސޭއާ ދެކޮޅަށް ކުޅުނު މެޗްގެ 20 ވަނަ މިނެޓްގައެވެ.

އޭގެ ފަހުން ކުޅެން މަސައްކަތް ކުރި ނަމަވެސް ތަދުުވާ ވަރުން އޭނާ ދަނޑުން ބާލަން ޖެހުނީ އަށިގަނޑުގައި ކަމަށް ޔުވެންޓަސްއިން ބުނެއެވެ.

ރެއާލް މެޑްރިޑްގައި ހޭދަކުރި ފަސް އަހަރުގައި ކެދީރާ ގިނަ މުއްދަތެއް ހޭދަކުރީ އަނިޔާގައެވެ. އޭނައަށް ވަނީ ރެއާލް މެޑްރިޑްގައި ހޭދަ ކުރި ފަސް ސީޒަންގައި ތިން ފަހަރެއްގެ މަތިން އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.