ދެ ގެއެއް ބަލައި ފަސްކޮށް 29،000 އަށް ވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ފާރަގެމަ ބޭނުން ކޮށްގެން މިދިޔަ އަންގާރަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި އުމުރުން 37 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ 11:30 ހާއިރު އޭނާ އުޅެމުންދާ ގެއިންނެވެ.

ފުލުހުން ބުނީ އެމީހާ އުޅެމުންދާ ކޮޓަރި ބަލައިފާސްކުރި އިރު އެކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 80 ރަބަރު ޕެކެޓާއި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ދިރިއުޅޭގެއިން 29،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ފެނިފަ އެވެ.

އަދި ހަމަ އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި އުމުރުން 41 އަހަރުގެ މީހާ އާއި 20 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ 1:10 ހާއިރު އެވެ. އެ ދެމީހުން ދިރިއުޅެމުން ދިޔަ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.