މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެއްވަނަ ހާސިލުކުރި ކޮންމެ ދަރިވަރަކަށް 24،000 އަށްވުރެ ގިނަ ރުފިޔާގެ އެލަވަންސެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިރޭ "ސަން" އަށް ވިދާޅުވީ، ދަރިވަރުންނަށް ދިނުމަށް ނިންމާފައިވާ އެލަވަންސަކީ މީގެކުރިން ވެސް ދިނުމަށް ނިންމާފައިވާ އެލަވަންސެއް ކަމަށެވެ.

"އެއީ އެއްވަނައަށް ދާ ދަރިވަރުންނަށް އަޅުގަނޑުމެން [އެޑިއުކޭޝަން މިނިސްޓްރީ] ދިނުމަށް ނިންމާފައިވާ ސްކޮލަޝިޕް ސްކީމެއް. އެއީ ދެން މިހާރަކު ނޫން. އެކަން ހިނގާތާ ދުވަސްތަކެއް ވެއްޖެ. އެއީ ހަމަ އެއްވަނައަށް ދާ ދަރިވަރުންނަށް ހަވާލުކުރެވޭނެ ލިޔުމެއް. ދެން ތައުލީމީ ފަންޑުން ކޮންމެ މަހަކުވެސް އެހީއެއްގެ ގޮތުގައި ޕެކޭޖުތަކެއް ކަނޑައަޅާފައި،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އެހީއަކީ ދަރިވަރުންގެ ކިޔެވުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުމުގެ ގޮތުން ދޭ އެހީއެއް ކަމަށެވެ. އަދި އެ އެހީ ދޭނީ ކޮންމެ މަހަކު ވަކި ވަރެއް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

"އެގޮތުން އެކުއްޖަކު ތައުލީމު ހާސިލުކުރާ ރަށަކީ އަމިއްލަ ރަށްނޫން އެހެން ރަށަކުން ނަމަ އެ ދަރިވަރަކަށް މަހަކު 1000 ރުފިޔާ ލިބޭނެ. ރަށުގައި ކިޔަވާ ދަރިވަރަކަށް ނަމަ މަހަކު 500 ރުފިޔާ ލިބޭނެ،" 24،000 ރުފިޔާ ދަރިވަރުންނަށް ދޭ ގޮތުގެ ތަފުސީލު ކިޔައިދެއްވަމުން ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ 24،000 ރުފިޔާގެ އިތުރުން ވެސް އެ ދަރިވަރުންނަށް އެލަވަންސްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ދެން ހަމަ ކޮންމެ އަހަރެއްގެ ގްރޭޑު 11 ފެށޭއިރާއި ގްރޭޑު 12 ފެށޭއިރު އެކުއްޖަކު ކިޔެވުމަށް ތައްޔާރުވުމަށް ބޭނުންވާ އެއްޗެހި ހޯދާލުމަށް 2000 ރުފިޔާގެ އެލަވަންސެއް ދަރިވަރުންނަށް ލިބޭނެ. އެހެންވީމަ އެ ދެ އަހަރަށް ޖުމުލަ 4000 ރުފިޔާ ލިބޭނެ،" ޝަފީއު ވިދާޅުވި އެވެ.

ރާއްޖޭގެ ގަދަ ދިހައެއްގެ އެއް ވަނަ، 45 ދަރިވަރަކު ވަނީ ހޯދައިފައެވެ. އަދި އެއްވަނައިގައި ހިމެނޭ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެއް ވެސް ލިބެ އެވެ.