08 Aug 2015, 00:06
ދެހާސް ތޭރަ ވަނަ އަހަރު ބިދޭސީންނަށް ރީފަންޑު ކޮށްދިން ފައިސާގެ އަދަދު ޑިފެންސް މިނިސްޓްރީގެ މާލީ ބަޔާންތަކުގައި ހިމަނާފައި ވަނީ ރަނގަޅަށް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔާތު ނެރުއްވާފައިވާ ޑިފެންސް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ބިދޭސީންނަށް ރީފަންޑުކޮށްދިން ފައިސާގެ ގޮތުގައި އެ މިނިސްޓްރީގެ މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދާއި، އެ މިނިސްޓްރީގެ ޖެނެރަލް ލެޖާއިން ދައްކާ އަދަދާ ދެމެދު 119 މިލިއަން ރުފިޔާގެ ފަރަގެއް އެބަހުރި ކަމަށެވެ.
ބިދޭސީންނަށް އަނބުރާ ރިފަންޑްކޮށްދެވުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވަނީ 158.4 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ޕަބްލިކް އެކައުންޓިން ސިސްޓަމުން ނަގާފައިވާ ޖެނެރަލް ލެޖާގައި ވާގޮތުން ބިދޭސީންނަށް ރީފަންޑްކޮށްދީފައި ވަނީ 39 މިލިއަން ރުފިޔާ ކަމަށެވެ.
އެ މައްސަލަތައް އިސްލާހުކުރުމަށް ޖެނެރަލް ލެޖާ އާއި މާލީ ހިސާބުތައް ރިކޮންސައިލް ކުރުމަށްފަހު މާލީ ބަޔާންތައް ތައްޔާރުކުރުމަށާއި، ކޮންމެ މަހަކުވެސް ޖެނެރަލް ލެޖާއާއި މިނިސްޓްރީގެ މާލީ ހިސާބުތައް އަޅާކިޔައި މާލީ ހިސާބުތަކާއި ޖެނެރަލް ލެޖާގައިވާ އަދަދުތައް ރިކޮންސައިލް ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ އަރުވާފަ އެވެ.