ފާއިތުވި ބާރަ އަހަރު ވެސް މައްޗަށް ނުދާވަރަށް ބްރެޒިލްގެ އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފި އެވެ.

ބްރެޒިލް ސަރުކާރުގެ ރަސްމީ ހިސާބުތައް ދައްކާގޮތުން އެ ގައުމުގެ އިންފްލޭޝަން ރޭޓް ވަނީ 9.56 ޕަސެންޓަށް އުފުލިފަ އެވެ. ބްރެޒިލްގައި މުދަލާއި ހިދުމަތުގެ އަގު އުފުލިފައި މިވަނީ ކަރަންޓްގެ އަގުބޮޑުވުމުންނެވެ. ބްރެޒިލްގެ މަރުކަޒީ ބޭންކުން ޓާގެޓް ކުރާ އިންފްލޭޝަން ރޭޓަކީ 4.5 ޕަސެންޓެވެ.

ބްރެޒިލްގައި އިންފްލޭޝަން އިތުރުވަމުންދާތީ އެ ގައުމުގެ މަރުކާޒީ ބޭންކުން ވަނީ ބޭންކުތަކުން ސޭވިން އެކައުންޓަށްދޭ އިންޓަރެސްޓް ރޭޓް 14.25 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މިއީ ބޮޑެތި އިގްތިސާދު އޮންނަ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އިންޓަރެސްޓެއްދޭ އެއް ގައުމެވެ.

އިންފްލޭޝަން ރޭޓް ބޮޑުވުމުގެ ސަބަބުން ބްރެޒިލްގެ އިގްތިސާދަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާ ކުރަނީ ބްރެޒިލްގެ އިގްތިސާދު މިއަހަރު 1.5 ޕަސެންޓް ދަށްވާނެ ކަމަށެވެ.

ދުނިޔޭގެ ހަތް ވަނަ އަށް އެއްމެ ބޮޑު އިގްތިސާދެއް އޮންނަ ގައުމަކީ ބްރެޒިލް އެވެ.