08 Aug 2015, 11:49
ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކުލަގަދަ ހަފްލާއެއް ބާއްވައިފި އެވެ.
އައިސީސީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގައި މިއުޒިކާއި ޑާންސްގެ ގިނަ ހަރަކާތްތަކެއް ވަނީ ދައްކާލައިފަ އެވެ.

އައިސީސީ އަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ރޭގެ ހަފްލާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ހެޑް އޮފް ޑިޕާޓްމެންޓް އޮފް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ އައިސީސީ އިން ވަނީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ހިލޭ ސާބަހަށް އިންޑިޔާގެ ސަގާފީ ހަރަކާތްތައް ގިނަ ދިވެހިންތަކަށް ދަސްކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ހިލޭ ސާބަހަށް ޓަބްލާ ކްލާސްތަކާއި ޔޯގާ އަދި ޑާންސް ކްލާސްތައް އައިސީސީ އިން ނަގައިދީފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
ހައިކޮމިޝަން އޮފް އިންޑިއާގެ ދަށުން ހިންގާ އިންޑިއަން ކަލްޗަރަލް ސެންޓަރު ރާއްޖޭގައި ހުޅުވާފައި ވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އައިސީސީ ހުޅުވާފައި ވަނީ އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު އޮންނަ ސަގާފީ ގުޅުން ވަރުގަދަ ކުރުމަށްޓަކާ ކަމަށް އެ ސެންޓަރުން ބުންޏެވެ.