އިންޑިއާ ކަނޑުގައި އަސްކަރީ ނުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބުދްﷲ ޔާމީނު އިންޑިއާގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނަމަކަށް ކިޔާ ނޫހަކުން މިއަދު ބުނީ ރައީސް ޔާމީނު އެކަން އެންގެވީ އެގައުމަށް މިހާރު ވަޑައިގެން ހުންނެވި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖްއަށް ރައްދުކޮށްދެއްވި ސިޓީފުޅެއްގައި ކަމަށެވެ. އެ ސިޓީ ފުޅަކީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅިގެން އިންޑިއާ އިން ފާޅުކުރި ކަންބޮޑުވުމަށް ދެއްވި ޖަވާބެއް ކަމަށް ވެސް އެނޫހުން ބުންޏެވެ.

ރައީސް ޔާމީނު އިންޑިއާ ސަރުކާރަށް ފޮނުވި ސިޓީފުޅާ ބެހޭ ތަފުސީލެއް ރައީސް އޮފީހުން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދު އޮންނާނީ ޑިމިލްޓްރައިޒްޑް ޒޯނެއްގެ ގޮތުގައި ކަމާއި އެކަމުގެ ޔަގީންކަން އަވަށްޓެރިންނަށް ދެއްވާފައިވާނެ ކަމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީގު ކުރެއްވި ދުވަހު ވެސް ރައީސް ވިދާޅުވި އެވެ.