09 Aug 2015, 13:07
ބެއިޖިން، ޗައިނާ،އޭޕީ) ޗައިނާގެ ފޫޖިއާން ޕްރޮވިންސަށް ބާރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން 22 މީހުން މަރުވެއްޖެ އެވެ.
ތޫފާން ސޫޑިލާ ނަމަކަށް ކިޔާ އެ ތޫފާން ޗައިނާއަށް އެރީ ޓައިވާނަށް އެރުމަށް ފަހުއެވެ. ރޭ ދަންވަރު އެތޫފާން ޗައިނާއަށް އެރި ފަހުން ތޫފާނުގެ ބާރު ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް ތޫފާނުގެ ބާރު ދަށް ވުމުގެ ކުރިން ބައެއް ގެތަކާއި ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި އެ ތޫފާނުގެ ސަބަބުން މިލިޔަނަކަށް ވުރެ ގިނަ ގެއިން ވަނީ ކަރަންޓް ކެނޑިފަ އެވެ.

ޓައިވާނަށް ތޫފާން އެރުމުގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދަކުން ކުޑަކުއްޖަކު ސަލާމަތްކުރަނީ. ފޮަޓޯ:އޭޕީ
ފޫޖިއާން ޕްރޮވިންސްގެ ސިވިލް އެފެއާޒް ޑިޕާޓްމަންޓުން ބުނީ ތޫފާނުގެ ސަބަބުން 36 ގެ ވެއްޓި އިތުރު 281 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ. އަދި ތޫފާނުން ސަލާމަތް ކުރުމަށް ޓަކައި 370000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ޓައިވާނަށް ތޫފާްން އެރުމުގެ ސަބަބުން ވެއްޓިފައިވާ ފުރާޅުތަކެއް. ފޮޓޯ: އޭޕީ
ޗައިނާއަށް އެރުމުގެ ކުރިން ތޫފާން ސޫޑިލާ ޓައިވާނަށް އެރުމުގެ ސަބަބުން ފަސް މީހުން މަރުވެ، ފަސް މީހުން ވަނީ ގެއްލިފަ އެވެ. އަދި 185 މީހަކަށް އަނިޔާވި އެވެ.