ފުލެއިޓުތަކުގެ ބައިތަކެއް ކަމަށް ބުނެ ފެންނަމުން ދަނީ ރާވާ އިމާރާތްތަކުގެ "ވޯލް ޕެނަލް"ތަކެއް ކަމަށް ކޮންސްޓުރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފި އެވެ.

އިއްޔެ އާއި މިއަދު ވަނީ އެފަދަ ވޯލްތައް ފެނިގެން އެއީ ފުލައިޓެއްގެ ބައެއް ކަމަށް ބުނެ ފުލުހުންނަށް ހުށައަޅައިފަ އެވެ. އެގޮތުން ބ. ފެހެންދޫ އާއި ފުޅާދޫގެ އިތުރުން ރ. ވާދޫ އާއި އަލިފުއްޓާއި ހއ. އުލިގަމުން ވެސް ވަނީ އޭގެ ފެނަލްތަކެއް ފެނިފަ އެވެ.

ފެނިފައިވާ ފެނަލްތަކުގެ ދިގު މިނުގައި ގާތްގަނޑަކަށް އަށް ފޫޓާއި ހަ ފޫޓު ހުންނައިރު ފުޅާ މިނުގައި ދެ ފޫޓް ހުރެ އެވެ. އެތަކެތި ތައްޔާރުކޮށްފައި ހުންނަނީ ފުޅިމަދާއި ސިމެންތި ބޭނުންކޮށްގެންނެވެ. އެތަކެތި ވަރަށް ބަރު ކަމަށްވެ އެވެ.

ޕުރޮޕެޓީ ޑިވެލޮޕްމެންޓް ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ ފަރާތަކުން މިއަދު ސަން އަށް ވިދާޅުވީ އެއީ ފުލައިޓުގެ ބައެއް ނޫން ކަމަށާއި އެއީ ރާވާ އިމާރާތްތައް ކަމަށްވާ ގްރީން ބިލްޑިންތައް ތައްޔާރު ކުރާ ވޯލް ޕެނަލް ކަމަށެވެ.

"އެއީ ވޯލް ޕެނަލް، އެހުންނަނީ ވެސް ލައްވާލާގޮތަށެއްނު،" އެއޮފިޝަލް ވިދާޅުވި އެވެ.

އެވޯލްޕެނަލްތައް ފެނިގެން އެއީ ފުލައިޓެއްގެ ބައިތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރީ ކަނޑުގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ބަނިއަން ޓްރީ ރިސޯޓަށް ލައްގާފައިވަނިކޮށް ފެނިފައިވުމުންނެވެ.

މީގެ ހަ މަސް ކުރިން ވަނީ ބ.ގޮއިދޫ ހުޅަނގުދެކުނު 30 މޭލު ބޭރަށް "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފަ އެވެ. އެކޮޅު ވެއްޓިއަކީ މޫދު ކޮޓަރިތަކެއް އެޅުމަށް މުދާތަކެއް ހިފައިގެން ދިޔަ ކޮޅުވެއްޓިއެކެވެ. އެހެންކަމުން މިއީ އެކޮޅުވެއްޓިން ގެންދިޔަ ތަކެތި ކަމަށްވުން ވެސް ގާތެވެ.