ގއ. ގެމަނަފުށީގައި ރޭގެ ވަގުތެއްގައި އެރަށުގެ ފިހާރައެއް ފަޅާލައިގެން 60،000 ރުފިޔާ އާއި 15،000 ޑޮލަރު ވަގަށް ގެންގޮސްފިއެވެ.

ގެމަނަފުށީ އޯކިޑް ޓްރޭޑާސް ނަމަކަށް ފިހާރައިގެ އެއް ހިއްސާދާރު އިޝްހާގު އަހުމަދު ބުނީ ފިހާރައިގެ ބޭރު ދޮރު ހަލާކުކޮށްލައިގެން ފައިސާ ވަގަށް ގެންގޮސްފައިވާކަން އެނގުނީ ފަތިހު 5:15 އެހާކަށްހާއިރު ކަމަށެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ގެމަނަފުށީ ފިހާރައެއް ފަޅާލައިގެން ފައިސާތަކެއް ގެންދިޔަ ކަމުގެ ތުހުމަތަށް އެރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި މީހާގެ ގެ ބަލައި ފާސްކުރުމުން އެގެއިން 58،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގެމަނަފުށިން ވާހަކަދެއްކި މީހަކު ބުނީ އެ މައްސަލާގައި ހައްޔަރު ކުރި މީހާ އަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. ދާދިފަހުން އެމީހާ އޭނާގެ ބައްޕަގެ ގެއިން ވެސް ވައްކަންކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ގެމަނަފުށީގައި ރޭ ހިނގި ދެވަނަ ހާދިސާގައި އެރަށު މިސްކިތްދޮށުގޭގައި މަސްކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ވެސް ވަނީ ވަގަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އެ ދެމައްސަލައިގައި ވެސް ހައްޔަރުކޮށްފައި ވަނީ އެކަކު ކަމަށާއި ފިހާރައިން ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ގެއިން އެތަކެތިވެސް ފެނިފައިވާ ކަމަށެވެ.

"... އެތަކެތި މިހާރު ވާނީ އެތަކެތީގެ ވެރިންނާ ހަވާލުކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.