10 Aug 2015, 09:23
ދިގު ރުއްތަކުން މަލަ ފެވިފައިވާ ބޮޑު ރަށެކެވެ. ގޮދަން ފުށް ފަދަ ހިމުން ދޮންވެލީގެ ގޮނޑުދޮށެކެވެ. ބިއްލޫރި ގަނޑެއް ފަދަ ސާފު މޫދެކެވެ. ދިގު ފާލަމާއި އޮޑިފަހަރު ކައިރިކޮށްފައިވެ އެވެ. އަވަސް ހަރަކާތްތަކާ އެކު މުދާ ބާލާ މީހުން އޮޑިފަހަރުން މުދާ ބާލަނީ އެވެ. އެ ހިތްގައިމު ރަށުގެ ކަޅުފަހަށް އެރުމުން ވެސް ފެންނަނީ ހަރަކާތްތެރި އާބާދީއެކެވެ. ދެހާސް މީހުން ދިރިއުޅޭ އެ ރަށުގައި ސްކޫލަކާއި ހޮސްޕިޓަލަކާއި ޖަލަކާއި އަޅުކަން ކުރާ ތަނެއްވެ އެވެ.
މިއީ 1960ގެ އަހަރުތަކުގައި އެމެރިކާ ސިފައިން ޑިއަގޯ ގާސިއާ ނުވަތަ ފޯޅަވައްސަށް ދިއުމުގެ ކުރިން ބަޔަކު ކޮށްފައިވާ ވީޑިއޯއަކުން އެރަށް ސިފަކުރެވޭ ގޮތެވެ.
މީގެ 40 އަހަރު ކުރިން ވަރަށް އަނިޔާވެރި ގޮތުގައި އެރަށުން ބޭރުކޮށްލި އާބާދީ، ބޭރުކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން މީގެ އަހަރުތަކެއް ކުރިން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެހުކުމަށް އިނގިރޭސި ސަރުކާރުން ބޯލަނބާފައެއް ނުވެ އެވެ. ޑިއާގޯ ގާސިއާ މީހުންނަށް އެމީހުންގެ ރަށް ބަލައިލުމުގެ ފުރުސަތު ވެސް ދީފައެއް ނުވެ އެވެ.
ކަންތައްތައް މިހެން ހިނގާފައި ވަނިކޮށް، އެމީހުންނަށް މިހާރު ވަނީ ފަނޑު އުއްމީދެއް ލިބިފަ އެވެ. ޑިއަގޯ ގާސިއާ މީހުން އަނބުރައި އެމީހުންގެ ރަށަށް ދިއުމަށް ފުރުސަތު ދެވިދާނެ ގޮތްތަކެއް އިނގިރޭސި ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އެމީހުންނަށް ހުށަހަޅާފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ބުންޏެވެ. އަދި އެކަމުގައި އެމީހުން ދެކޭ ގޮތް ބެލުމަށް ސުވާލު ކަރުދާހެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
ޑިއަގޯ ގާސިއާގެ އަދި ޖުމްލަގޮތެއްގައި އެއަތޮޅު ނިސްބަތްވާ ޗާގޯސް އާކިޕެލަގޯގެ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ " ޔޫކޭ ޗާގޯސް ސަޕޯޓް އެސޯސިއޭޝަން"ގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުގެ ހުށަހެޅުން ޗާގޯސްމީހުންނަށް ކިޔައިދީ އެމީހުންގެ ހިޔާލު ހޯދަން އެޖަމާއަތަށް ވަގުތު ބޭނުންވެ އެވެ. އެގޮތުން އެމީހުން ވާހަކަދައްކައި އުޅޭ ކްރިއޯ ބަހަށް އެލިޔެ ކިއުންތައް ވަރަށް އަވަހަށް ތަރުޖަމާ ކުރާނެ ކަމަށް ވެސް އެޖަމާއަތުން ވަނީ ބުނެފަ އެވެ.
މާޒީގައި އިނގިރޭސިން ޑިއަގޯ ގާސިއާގެ މީހުންނާއި މެދު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެމީހުން އަނބުރައި ރަށަށް ގެންދިއުމަކީ ވަރަށް ހުވަފެނީ ކަމެއް ކަމަށް ބެލެވިދާނެ އެވެ. އެކަމަށް ކަޅިއެއް ހިންގައިލަން މިއީ މުނާސަބު ވަގުތެކެވެ.
"ސްޓީލިން އަ ނޭޝަން" ގައުމެއް (ގައުމެއް ވަގަށް ނެގުން) ގެ ނަމުގައި އޮސްޓްރޭލިއާގެ މަޝްހޫރު ނޫސްވެރިޔާ ޖޯން ޕްލިގާ 2004 ވަނަ އަހަރު އުފެއްދި ޑޮކިއުމެންޓްރީގައި ޗާގޯސް މީހުން އަދި ވަކިން ހާއްސަކޮށް ޑިއަގޯ ގާސިއާގެ މީހުންނަށް އިނގިރޭސިންނާއި އެމެރިކާނުން ގުޅިގެން ކުރި އަނިޔާ ވަރަށް ރަނގަޅަށް ހާމަކޮށްދީފައިވެ އެވެ.
ޕްލިގާގެ ޑޮކިއުމެންޓްރީގައި ހިމަނާފައިވާ ވީޑިއޯއިން، އިނގިރޭސިންނާއި އެމެރިކާނުން އައުމުގެ ކުރިން ޑިއަގޯ ގާސިއާގެ ދިރިއުޅުން ސިފަވާގޮތް މި ލިއުމުގެ ފެށުމުގައި އެވަނީ އެވެ.
އެ ޑޮކިއުމެންޓްރީން އެނގޭ ގޮތުގައި އިނގިރޭސިންނާއި ފަރަންސޭސީން ހެދި ޑީލެއްގެ ދަށުން އިނގިރޭސީންނަށް މޮރިޝަސް ލިބުމާ ހަމައަށް ވެސް އަދި އޭގެ ފަހުން ވެސް ޑިއަގޯ ގާސިއާގެ މައްޗަށް ވެރިކަން ހިންގަމުން އައީ މޮރިޝަސްއިންނެވެ. ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސީން މޮރިޝަސްއަށް މިނިވަންކަން ދިން އިރު ޑިއަގޯ ގާސިއާ ހަވާލެއް ނުކުރެ އެވެ. މޮރިޝަސްއަށް މިނިވަންކަން ދިނީ ވެސް ޗާގޯސް އައިލެންޑްސްގެ މިލްކުވެރިކަމާ މެދު ދައުވާ ނުކުރުމަށް ޝަރުތުކޮށްފަ އެވެ. އެއަށް ފަހު އެއީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ"ގެ ގޮތުގައި އިނގިރޭސިން އިއުލާން ކުރި އެވެ. އެއީ އިނގިރޭސިންނާއި އެމެރިކާ މީހުން ގުޅިގެން އަސްކަރީ ބޭނުމަށް އެރަށް ބޭނުން ކުރެވޭނެ މިންވަރާ ބެހޭ ގޮތުން 1961 ވަނަ އަހަރު ސާވޭ ކޮށް ނިންމާފައިވާތީ އެވެ.
އިނގިރޭސި ސަރުކާރާއި އެމެރިކާ ސަރުކާރާއި ދެމެދު ވެފައިވާ ސިއްރު އެއްބަސްވުމަކީ ޑިއަގޯ ގާސިއާ "ހުސްކޮށް، ސާފުކުރުމުގެ" އެއްބަސްވުމެކެވެ. އިނގިރޭސި ޕާލަމެންޓާއި އެމެރިކާގެ ކޮންގްރެސްއަށް ވެސް ސިއްރުން ވީ އެ އެއްބަސްވުމުގައި ވަނީ ޑިއަގޯ ގާސިއާގެ އެންމެން އެރަށުން ބޭރު ކުރުމަށެވެ.
ޑިއަގޯ ގާސިއާ ހުސްކުރުމަށް އިނގިރޭސިން ފުރަތަމަ އެޅި ފިޔަވަޅަކީ އެރަށުގެ ރަށްވެހިންނަށް އަސާސީ ތަކެތި ނުލިބޭނެ ގޮތް ހެދުމެވެ. އެފިޔަވަޅާއި އެކު ގިނަ ބަޔަކު ރަށް ދޫކޮށް މޮރިޝަސްއަށް ދިޔަ އެވެ. އެ ދިޔަ މީހުން އަނބުރައި އައުން އިނގިރޭސިންނާއި އެމެރިކ މީހުން މަނާކުރި އެވެ. އެއިރު އޮތީ އެމީހުންގެ ރަށަށް ބޮން އަޅައިފާނެ ކަމުގެ ބިރުވެސް ދައްކާފަ އެވެ.
"އަހަރެން އަހަރެންގެ ހުރިހާ މުދަލެއް ދޫކޮށްފައި މިތަނަށް (މޮރިޝަސްއަށް) އައީ ބޭސްފަރުވާއަކަށް. ފަހުން އިދާރީ މީހަކު އަހަރެންގެ ކޮނޑުގައި ޖަހާލާފައި ބުނި. ވަރަށް ބޮޑަށް މާފު ކުރޭ ރީޓާ. ކަލޭގެ ރަށް ވިއްކައިލެވިއްޖެ. އެނބުރި ރަށަކަށް ނުދެވޭނެ" ޕްލިގާގެ ޑޮކިއުމެންޓްރީ އުފެއްދި އިރު މޮރިޝަސްގައި ދިރިއުޅެމުން އައި، ޑިއަގޯ ގާސިއާގެ އަންހެނެއް ކަމަށްވާ ރީޓާ ބުނެފައިވެ އެވެ.
ޑިއަގޯ ގާސިއާގެ ރަށްވެހިންގެ އެންމެން އަމިއްލަ އިހުތިޔާރުގައި އެރަށް ދޫކޮށް ދޭތޯ އެޅި އެންމެ ބިރުވެރި ފިޔަވަޅު އެޅީ 1971 ވަނަ އަހަރު އެވެ. އިނގިރޭސީންގެ ފަރާތުން ސީޝެލްސްގެ ގަވާނާއަކަށް އޭރު ހުރި ބްރޫސް ގްރެޓްބެޗް އަމުރު ކުރީ ޑިއަގޯ ގާސިއާގައިވާ އެންމެހާ ކުއްތާތައް މަރައިލުމަށެވެ.
އެގޮތުން 2000 ކުއްތާ އެއްކޮށް ކޮށްޓެއްގައި ބަންދުކޮށް އެމެރިކާގެ އަސްކަރީ ވެހިކަހަލަކުން އެތަކެއްޗަށް ގޭސް ޖަހައި މަރައިލީ އެތަކެތި އޮޅުކޮށްގެން ގެންގުޅުނު ރަށު މީހުންގެ ކުރިމަތީގަ އެވެ. އެހެންވެ، އެއީ އިންޒާރެއްކަމުގައި އެމީހުން ދުށްޓެވެ.
"...ކުޑަކުދިން އެކުދިން ގެންގުޅޭ ކުއްތާތައް ދެކެ ވަރަށް ލޯބިވޭ، އެތަކެތި ގެންދަން ފެށީމައި އެކުދިން ހަޅޭއްލަވައި ރޮއި ހެދި،" ޕްލިގާގެ ޑޮކިއުމެންޓްރީއަށް އިންޓަވިއު ދިން ޑިއަގޯ ގާސިއާ އަންހެނަކު ބުނެފައިވެ އެވެ.
އެކަންތައްތަކަށް ފަހު ރަށް ދޫކޮށް ނުގޮސް ތިބި މީހުން އެޑްމިނިސްޓްރޭޓަރުގެ ދޮށަށް އެއްކުރުމަށް ފަހު އެމީހުންނަށް އެންގީ އެމީހުންގެ ރަށް ވިއްކާލާފައިވާ ކަމަށެވެ. އަދި ރަށް ދޫކޮށް ނުދާ މީހުން ބޯޓްފަހަރަށް އަރުވައި، ރަށުން ބޭރުކުރާނެ ކަމަށެވެ.
ދެން އެމީހުން އެރުވީ ކާގޯ ބޯޓަކަށެވެ. އެމީހުންނަށް މުދަލުގެ ތެރެއިން ގެންދަން ހުއްދަ ލިބުނީ އެންމެ ސޫޓްކޭހަކަށް އެޅޭނެ ވަރެވެ.
"ކިތަންމެ ގިނަ ދަރިންނެއް ތިބި ނަމަވެސް ބޯޓްގައި ލިބުނީ (ގައިދަށުގައި އެޅުމަށް) އެންމެ ކުނަލެއް،" ބޯޓްގައި ދަތުރު ކުރި އަންހެނަކު ބުނެފައިވެ އެވެ.
އެބޯޓް ގޮސް ބަނދަރުކުރީ ސީޝެލްސްގެ ބަނދަރަކަށެވެ. އެތަނުން މޮރިޝަސްއަށް ފޮނުވައިލެވެންދެން އެމީހުން ތިބީ ޖަލެއްގައި ބަންދުކޮށްފަ އެވެ. މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްއަށް އެމީހުން ބޭލުމުން ބައެއް މީހުން އެ ބަނދަރުގައިވާ ޑޮކެއްގައި މަޑުކޮށްގެން ތިއްބެވެ.
"...އެމީހުންގެ ތެރެއިން ބައެއް މީހުން ޑޮކްތަކުގައި މަޑުކޮށްގެން ތިބި އަނބުރައި ރަށަށް ގެންދާނެ ބޯޓެއްގެ އިންތިޒާރުގައި. އެމީހުން ބަލައި ދުވަހަކު ވެސް ބޯޓެއް ނާދޭ،" ޕްލިގާގެ ޑޮކިއުމެންޓްރީއަށް އިންޓަވި ދެއްވި މޮރިޝަސްގެ ކުރީގެ ރައީސް ކައްސާން އުޓީމް ވިދާޅުވެފައިވެ އެވެ.
ދެން އެމީހުން ގެންދެވުނީ އެތައް ދުވަހެއް ވަންދެން ފަޅަށް ހުރެ، ވީރާނާ ވެފައިވާ ހައުސިން އެސްޓޭޓަކަށެވެ.
"... އެސްޓޭޓް ބިއޯ މަރްޗާންދްގައި ފެނެއް އަދި ކަރަންޓެއް ވެސް ނެތް. މުޅި ތަނުގައި އޮތީ ކުނި. ބޮޑުދޮރެއް އަދި ކުޑަދޮރެއްގައި ވެސް ދޮރުފަތެއް ނުވޭ." ރީޓާ ބުނެފައިވެ އެވެ.
އެތަނުގައި ވަޒަންވެރި އާބާދީ މަރުވާން ފެށި އެވެ. ފަގީރުކަމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެމީހުންގެ ބަހުން ނަމަ ހިތާމައިންނެވެ.
ދަތިހާލުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެމީހުން މޮރިޝަސްގެ މަގުތަކުގައި އިނގިރޭސީންނާ ދެކޮޅަށް މުޒާހަރާކުރި އެވެ. އެހިސާބުން އިނގިރޭސިން އެމީހުންނަށް ފައިސާއިން " ބަދަލު" ދިނެވެ. އެއީ ބޮލަކަށް 3000 ޕައުންޑަށް ވުރެ މަދު މިންވަރެކެވެ. އެ ހާލުގައި މަރުވެ ދިޔަ މީހުން ދިޔައީ އެވެ. އެކަމުގެ ބަދަލެއް ނެތެވެ.
ޑިއަގޯ ގާސިއާގެ މީހުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ރަށުގެ ހުރިހާ ހައްގެއް ދޫކޮށްލުމަށް ސޮއިކުރެވިފައި ވަނީ އެ ފައިސާ ލިބިގަތުމަށް ފަހު ލިއުމެއްގައި ސޮއިކުރި ކުރުމުގެ ތެރެއިންނެވެ.
"... ފައިސާ ލިބިގަތުމަށް ޓަކައި އަހަރެމެން އަހަރެމެންގެ ފިންގަޕްރިންޓް ދޭން ޖެހުނު. އަހަރެން އެއްބަސްވަނީ އަހަރެންގެ ރަށުގެ ހައްގު ދޫކޮށްލަން ކަމަށް ބުނެވުނު ނަމަ އަހަރެން އެ ލިއުމުގައި ފިންގަޕްރިންޓް ނުޖަހައި އެއްލައިލީމުސް. އަދި އަހަރެން އުޅެމުން އައި އުނދަގޫ ދިރިއުޅުމާއިގެން ކުރިއަށް ދިޔައީމުސް،" އިނގިރޭސި ބަހުން ލިޔެފައިވާ އެގުރީމަންޓާ ބެހޭ ގޮތުން ޑޮކިއުމެންޓްރީއަށް އިންޓަވިއު ދިން މީހަކު ބުނެފައިވެ އެވެ.
އެ ލިޔުމުގައި ސޮއި ކުރި މީހުންނަކަށް އިނގިރޭސި ބަހެއް ނޭނގެ އެވެ.
އިނގިރޭސި ސަރުކާރުން ފާއިތުވި ހަފުތާގައި ހުށަހެޅި ހުށަހެޅުމާ ހަމައަށް އެމީހުންނަށް އާދެވިފައި އެވަނީ ފާއިތުވި 40 އަހަރު ދުވަހު ވެސް އެމީހުންގެ ރަށާ މެދު ކުރަމުން އައި ދައުވާ ދޫނުކޮށް، ކުރި މިންނެތް މަސައްކަތުންނެވެ. އެ މަސައްކަތް އަދި ވެސް އޮތީ ކުރިއަށެވެ.