އުފެދުމުގައި އާދަޔާ ހިލާފަށް ފަލަވުމުގެ ސަބަބުން ނުހިނގިފައި ތިބި ދެ ކުދިން އަލަށް ހިނގައިފި އެވެ.

އިންޑިއާގެ ގުޖުރާތު ސްޓޭޓަށް ނިސްބަތްވާ އުމުރުން ފަސް އަހަރުގެ ޔޮގިތާ ރަމޭޝްބާއި ނަންޑުވަނާގެ ބަރުދަނުގައި މީގެ ތިން މަސް ކުރިން ހުރީ 34 ކިލޯ އެވެ. އަދި ތިން އަހަރުގެ އަނިޝާގެ ބަރުދަނުގައި 48 ކިލޯ ހުއްޓެވެ. އެކަމުގެ ސަބަބުން އެ ދެ ކުދިންވަނީ އެހެން ކުދިން އުޅޭ ގޮތަށް އަމިއްލަ ބާރުގައި ތެދުވެ ކުޅެ ސަކަރާތްޖަހާ ހެދުމަށް ނުކުޅެދިފައެވެ.

އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ބުނީ އެ ދެކުދިން ހިނގަން ފަށާފައިވަނީ ސްޕެޝަލިސްޓެއްގެ އިރުޝާދުގެ ދަށުން ހާއްސަ ޑައިޓެއް ނަގައިގެން ކަމަށެވެ.

އާދަޔާ ހިލާފަށް ބަރުދަން އިތުރުވަމުން އައި ދެކުދިން އެކުދިންގެ ބައްޕައާ އެކު ހިނގަނީ: ފޮޓޯ--ކަވަރ އޭޝިއާ ޕްރެސް

އެގޮތުން ޑޮކްޓަރުގެ ހާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ހާއްސަ ޑައިޓެއްގެ ދަށުން އެ ދެކުދިންގެ ގައިން މިހާރު ވަނީ ހަ ކިލޯ ލުއިކޮށްފައެވެ.

ޔޮގިތާ އާއި އަނިޝާގެ އިތުރުން އެމީހުންގެ އެންމެ ހަގަށް ހުރި 18 މަހުގެ ހާޝް އަށް ވެސް ވަނީ އުމުރަށް ވުރެ ބަރުދަން އިތުރުވުމުގެ މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން ހަޝްގެ ބަރުދަނުގައި 15 ކިލޯ އެބަހުއްޓެވެ.

އާދަޔާ ހިލާފަށް ފަލަ ވުމުގެ މައްސަލަ ކުރިމަތިވެފައިވާ ތިން ކުދިން މީގެ ތިން މަސް ކުރިން: ފޮޓޯ--ކަވަރ އޭޝިއާ ޕްރެސް

އެ ތިން ކުދިންގެ ބައްޕަ ރަމޭޝްބާއި ނަންޑުވަނާ 34، ގެ އެންމެބޮޑު ކަންބޮޑުވުމަކީ އާދަޔާ ހިލާފަށް ބޮޑަށް ފަލަވެފައިވާ ތިން ކުދިންގެ ބަރުދަން އިންތިހާއަށް ދިއުމުގެ ސަބަބުން އެކުދިން މަރުވެދާނެ ކަމުގެ ބިރެވެ. އަދި އެކުދިންގެ ބައްޔަށް ފަރުވާ ކުރުމަށް އޭނާ ވަނީ މީގެ ކުރިން އަމިއްލަ ކިޑްނީ ވެސް ވިއްކާލަން ނިންމައިފައެވެ.

ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި ރަމޭޝްބާއި ބުނެފައިވަނީ ތިން ކުދިންގެ ހަށިގަނޑުގައި އާދަޔާ ހިލާފު ބަލި ކަމެއް ހުރިކަން އެންމެ ފުރަތަމަ ފާހަގަވީ އެމީހުންގެ ތިން ވަނަ ދަރިފުޅުގެ އުފަންދުވަސް އައިއިރު 15 ކިލޯ ހުރުމުން ކަމަށެވެ. އަދި އެހިސާބުން ފެށިގެން އެކުދިންނަށް ފަރުވާ އެއް ލިބޭތޯ ބެލި ނަމަވެސް ދައްކަންޖެހޭ ޑޮކްޓަރުންގެ އަގުބޮޑުކަމުން އެކަށީގެންވާ ފަރުވާ ދެވޭ ވަރަށް ފައިސާ ނެތް ކަމަށް ވެސް އެއާއިލާއިން ބުނެފައި ވެއެވެ.

އާދަޔާ ހިލާފަށް ބަރުދަން އިތުރުވަމުން އައި ދެކުދިންގެ އަވަށްޓެރިއަކާއެކު ހިނގަނީ: ފޮޓޯ--ކަވަރ އޭޝިއާ ޕްރެސް

ރަމޭޝްބާއިގެ އަންހެނުން ބުނެފައިވަނީ އޭނާގެ ދަރިންގެ ބަނޑުހައި ހޫނުކަން ފިލުވުމަށް ދުވާލުގެ ބޮޑުބައި ހޭދަކުރަންޖެހެނީ ބަދިގޭގައި ކަމަށެވެ. އެގޮތުން އެކުދިން ބަނޑުހައިވިޔަ ނުދިނުމަށް ދުވާލަކު މަދުވެގެން ހަ ގަޑިއިރު ކާންދޭން ޖެހޭ އިރު އެކި ގަޑިތަކުގައި ދިނުމަށް ހަމަޖެހިފައިވަނީ ވަކި ހާއްސަ ކާ އެއްޗިއްސެވެ.