11 Aug 2015, 15:00
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރަޒާގުގެ މައްޗަށްކުރެވުނު 700 މިލިޔަން ޑޮލަރުގެ ހިޔާނާތުގެ މައްސަލަ އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާފައި ވަނީ ރަނގަޅަށް ނޫން ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ އޭސީސީ އިން އެ މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ބޮޑުވަޒީރު ނަޖީބުގެ އެކައުންޓަށް ޖަމާކޮށްފައިވާ 700 މިލިއަން ޑޮލަރަކީ އެމަނިކުފާނަށް ނަން ހާމަކުރަން ބޭނުންނުވާ މެދުއިރުމަތީގެ ފަރާތަކުން ކޮށްފައިވާ ހައިދާއެއް ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވަމުން ކުރީގެ ބޮޑުވަޒީރު މަހާތިރު އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ "މެލޭޝިއާގެ ބޮޑު ވަޒީރަށް 700 މިލިއަން ޑޮލަރު ހަދިޔާކުރާނީ ދުނިޔޭން ކާކު"ތޯ އެވެ.
"އަހަންނަކަށް ގަބޫލެއް ނުކުރެވޭ އެކަމެއް. އަދި މެލޭޝިއާގެ ގިނަ ރައްޔިތުން އެކަން ގަބޫލު ނުކުރާކަން އެނގޭ ސޯޝަލް މީޑިއާ ބަލާލީމަ،" މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރް މުހައްމަދު ވިދާޅުވެފައިވެ އެވެ.
ބޮޑު ވަޒީރު ނަޖީބުގެ ކޮރަޕްޝަން މައްސަލަ ބަލަމުން ދަނިކޮށް، އެގައުމުގެ އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޢަބުދް ޣަނީ ޕަޓައިލް ވެސް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
އެހުރިހާ ކަމަކަށް ފާޑު ވިދާޅުވަމުން ކުރީގެ ބޮޑު ވަޒީރު މަހާތިރް ވަނީ ނަޖީބުގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ. އަދި މަގުމަތީ މުޒާހަރާއަށް ނިކުތުމަށް މަހާތިރް ވަނީ ރައްޔިތުންނަށް ގޮވާލާފަ އެވެ.
ނަޖީބުގެ އަމިއްލަފުޅު އެކައުންޓަށް 700 މިލިޔަން ޑޮލަރު ޖަމާކުރެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުން ދަނިކޮށް އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޢަބުދް ޣަނީ ޕަޓައިލް އެމަގާމުން ވަކިކުރުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭނާ މަގާމުން ވަކިކުރީ ސިއްހީ ސަބަބުތަކަކަށް ޓަކައި ކަމަށެވެ.
ބޮޑުވަޒީރު ނަޖީބު ވަނީ އެޓާނީ ޖެނެރަލްގެ އިތުރުން ބޮޑުވަޒީރުގެ ނައިބު ވެސް މަގާމުން ވަކިކުރައްވާފަ އެވެ. ނައިބު ރައީސް މުޙުޔިއްދީން ޔާސީން މަގާމުން ވަކިކުރެއްވި ކަން ޓީވީ މެދުވެރިކުރައްވައި އިއުލާން ކުރެއްވުމަށް ފަހު ނަޖީބު ވިދާޅުވެފައި ވަނީ އެއީ ވަރަށް އުނދަގޫ ނިންމެވުމެއް ކަމަށެވެ.