11 Aug 2015, 16:44
އަރިއަތޮޅު ދެކުނު ބުރީގައިވާ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގައި މުޅި އަހަރު ދުވަހު ފެހުރިހިތައް ތިބިކަމުގެ އުފާ ފާޅުކުރުމަށް އެއަތޮޅު މާމިނގިލީގައި "ވޭލްޝާކް ފެސްޓިވަލް"( ފެހުރިހި ފެސްޓިވަލް)ގެ ނަމުގައި ހަރަކާތެއް ހިންގަން މޯލްޑިވްސް ވޭލް ޝާކް ރިސާޗު ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރުޕީ) ނިންމައިފި އެވެ.
ލަކްސް މޯލްޑިވްސް އިން މިއަދު ބުނީ އެމްޑަބްލިޔުއެސްއާރުޕީ އިން ބާއްވާ އެ ހަރަކާތުގައި އެކުންފުނިން ބައިވެރިވާ ކަމަށާއި އެހަރަކާތް އޮންނާނީ މިހިނގާ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އަދި ބުނީ އެކުންފުނިން އެކަމުގައި ބައިވެރިވަނީ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ހޭލުންތެރިކަން އުފެއްދުމަށް ކަމަށެވެ.
އަދި އެހަރަކާތައް ތައްޔާރުވުމުގެ ގޮތުން ހަފުތާއަކަށް ދެމިގެންދާ ގޮތަށް ހަރަކާތްތަކެއް ހިންގާނެ ކަމަށް ވެސް ލަކްސް މޯލްޑިވްސް އިން ބުންޏެވެ. އެގޮތުން ހިންގާނެ ހަރަކާތްތަކުގެ ތެރޭގައި ފެހުރިހީގެ ރެޕްލިކާ ހެދުމުގެ މުބާރާތަކާއި ވެލީގައި ކަނޑުގެ ދިރުންތަކުގެ ސޫރަ ހެދުމާއި ކުރެހުމުގެ މުބާރާތެއް ހިމެނޭނެ އެވެ. އަދި ކަނޑުގެ ދިރުންތަކާ ބެހޭ ޑޮކިއުމެންޓްރީ ފިލްމު ދެންކުން ވެސް އެހަރަކާތްތަކުގެ ތެރޭގައި ހިމެނޭނެ އެވެ. އަދި ރާއްޖޭގެ ފަންނާނުންގެ ހުށަހެޅުންތައް ވެސް އެކަމުގެ ތެރޭގައި އޮންނާނެ ކަމަށް ލަކްސް މޯލްޑިވްސް އިން ބުންޏެވެ.
އަރިއަތޮޅު ދެކުނު ބުރީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ގާއިމްކުރީ އެ ސަރަހައްދަކީ ގިނައިން ފެހުރިހި ދިރިއުޅޭ ސަރަހައްދަކަށް ވާތީ އެވެ.