12 Aug 2015, 14:08
"ޝުޢާޢެ އުމީދަ"ކީ މަޝްހޫރު ޅެންވެރިޔާ ޑރ. އައްލާމާ އިގްބާލްގެ ޅެމަކަށް ކިޔާ ނަމެކެވެ. އެ ޅެމަކީ އޭނާގެ ޅެންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މޮޅު ޅެމެކެވެ. ފުން މާނަތަކުން ފުރިގެންވާ ޅެމެކެވެ. ޅެމުގެ ކޮންމެ ބައިތަކާމެދު ވިސްނައިފިނަމަ މާނަތަކުގެ ތަފާތު ކުރި ފަޅާނެ ޅެމެކެވެ. އައްލާމާ އިގްބާލުގެ މޮޅު ޅެންތަކުގެ ސަބަބުން ޝާޢިރުން ވަނީ އޭނާއަށް "ޝާޢިރެ މަޝްރިޤް" ނުވަތަ އިރުމަތި ބިތުގެ ޅެންވެރިޔާގެ ނަމުން ލަގަބުދީފަ އެވެ.
ޝުޢާޢެ އުމީދުގެ ޅެން ދިވެހި ބަހަށް ތަރުޖަމާކޮށް، ޝަރަހަކޮށް ފޮތެއްގެ ސިފައިގައި މިހާރު މިވަނީ ވުޖޫދަށް އައިސްފައެވެ. އެ ފޮތް ލިޔުއްވީ ނ. ކުޑަފަރީ އަޝްރަފް އަބުދުއްރަހީމެވެ. ދިވެހި އަދަބިއްޔާތުގެ ޚިދުމަތްތައް ކުރައްވައި، މެނޭޖުމަންޓުގެ ދާއިރާއިން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓާސް ފުރިހަމަ ކުރައްވައި، ޕީއެޗްޑީ އަށް އަޝްރަފް ދަނީ ކިޔަވާ ވިދާޅުވަމުންނެވެ. ކިޔަވާ ވިދާޅުވަމުން ވެސް އަދިވެސް ދިވެހި އަދަބިއްޔާތަށް ކުރައްވާ ޚިދުމަތް އޭނާ ހުއްޓަވައެއް ނުލައްވަ އެވެ. އަޝްރަފު ލިޔުއްވި "ޝުޢާޢެ އުމީދު"ގެ ތަރުޖަމާ އާއި ޝަރަހައިގެ ފޮތުން އެކަން އެނގެ އެވެ.
އަޝްރަފު "ސަން"އަށް ވިދާޅުވި ގޮތުގައި އެ ފޮތް ވުޖޫދަށް ގެނެވުނީ ޅެންވެރިންތަކަކާއެކު ސައި މޭޒު މަތީގައި ކުރި ބަހުސަކުންނެވެ.
"މިއަހަރުގެ ޅެންވެރިންގެ ދުވަހުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތު ނިންމާލުމަށް ފަހު މި ބަހުސް ކުރެވުނީ. ރަސްމިއްޔާތަށް ފަހު ސައި މޭޒުމަތީގައި ތިބެ، ދިވެހި ޅެންވެރިންގެ ތެރެއިން ފުންނާބު އުސް ބައެއް ޅެންވެރީންނާއެކު ދެކެވުނު ވާހަކައެއްގައި ބައެއް ޅެންވެރީން ވިދާޅުވަމުން ގެންދެވީ އިބްރާހިމް ޝިހާބު ހައްދަވާފައިވާ 'އުއްމީދުގެ ސިއްރަ'ކީ އުރުދޫ ޅެމެއްގެ ސީދާ ދިވެހި ތަރުޖަމާ ކަމަށް. އެހެން ބޭފުޅުން ވިދާޅުވީ އެއީ ތަރުޖަމާއެއް ނޫން ކަމަށާއި ޑރ. އައްލާމާ އިގްބާލުގެ ޅެމެއްގެ ޚިޔާލުގެ މައްޗަށް ޝިހާބު ހައްދަވާދައިވާ ޅެމެއް ކަމުގައި،" ދިވެހި އަދަބިއްޔާތުގައި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަޝްރަފް ވިދާޅުވި އެވެ.
ޅެންވެރިންގެ މެދުގައި އުފެދުނު އެ ބަހުސްގެ އަސްލު ގޮސް ހުއްޓެނީ "ޝުޢާއެ އުމީދު"އަށެވެ. ޝުޢާޢެ އުމީދުގެ ޅެމުގައި ބާރު އަޅާފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް އެއް ގައުމެއްގެ ގޮތުގައި އޮތް އިރު އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތް ވުމަށް ރައްޔިތުންނަށް ދޭ ހިތްވަރެއްގެ ގޮތުގަ އެވެ. މުސްލިމުން އުއްމީދު ދޫކޮށް ނުލައި ބުރަ މަސައްކަތާއެކު ކުރިއަށްދާނަމަ ނަތީޖާ ލިބޭނެ ކަމަށް އެ ޅެމުގައި ބުނެފައިވެ އެވެ.
އަޝްރަފް ލިޔުއްވާފައިވާ ފޮތުން ރާއްޖެ ދުށް އެންމެ ކުޅަދާނަ ޅެންވެރިޔާ އިބްރާހިމް ޝިހާބު ހައްދަވާފައިވާ "އުއްމީދު ސިއްރު"ގެ ޅެމުގެ އަސްލު މަންޒަރު ފެނިގެންދާނެ އެވެ. އެއީ "ޝުޢާޢެ އުމީދާ"އި "އުއްމީދުގެ ސިއްރު"ގެ ޅެމުގައި ހުރި އެއްގޮތް ކަމާއި ތަފާތުތައް ފެނިގެންދާނެތީ އެވެ. ނަމަވެސް އެ ދެ ޅެން އަޅައި ބެލުމަކީ ފޮތުގެ މަގުސަދު ނޫން ކަމަށް އަޝްރަފު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުގެ މި މަސައްކަތަކީ ދިވެހި އަދަބުގައި ކުރެވިފައިވާ މަސައްކަތަށް ފާޑުކިޔުން ނޫން ކަމުގައި ވާތީ އާއި ދެ ޅެން އަޅައި ބެލުމަކީ އަޅުގަނޑުގެ މަސައްކަތް ކަމުގައި ނުވާތީ އާއި ދެ ޅެން ތަރާދެއްގެ މަތީ ބާއްވައިގެން ކަށި ބުރަވަނީ ތިލަފަތުގެ ކޮން ފަޅިއަކަށްކަން ދެނެގަތުމަކީ ވެސް އަޅުގަނޑުގެ މަސައްކަތެއް ނުމެ ނޫން ކަމުގައި ވާތީ، އެކަމުގެ ގާބިލުކަން ލިބިވަޑައިގެން ތިއްބެވި ބޭފުޅުން އެ މަސައްކަތައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަމެވެ." އަޝްރަފު ލިޔުއްވި ފޮތުގައި އިސް ބަހެއްގެ ގޮތުގައި ވިދާޅުވެފައިވެ އެވެ.

ޝުޢާއެ އުމީދުގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ: ފޮތް ލިޔުއްވީ އަޝްރަފް އަބުދުއްރަހީމް-- ސަން ފޮޓޯ/ އަލީ ނަސީރު
"ޝުޢާޢެ އުމީދު"ގެ ޅެން ދިވެހި ބަހަށް ތަރުޖަމާ ކުރި ފޮތުގައި އުރުދޫ ބަހުން ލިޔެފައިވާ ބައިތުތައް ހިމަނާފައިވެ އެވެ. އަދި ކޮންމެ ބައިތެއްގެ ތިރީގައި ތާނަ އަކުރުން ބައިތުތައް ލިޔެފައިވެ އެވެ. ބައިތުތަކުގައި ބޭނުންކުރައްވާފައިވާ ޢަރަބި، އުރުދޫ އަދި ފާރިސީ ލަފުޒުތައް ދިވެހި ބަހުން މާނައާއެކު ލިޔެފައި ވެސް ވެ އެވެ. އުރުދޫ އެ ލަފުޒުތަކުގެ މާނަ ދޭހަވާ ގޮތް ދިވެހި ބަހުގެ އެކިއެކި އިބާރާތްތަކުން އަޝްރަފު ވަނީ ލިޔުއްވާފަ އެވެ.
އަޝްރަފު ވިދާޅުވި ގޮތުގައި އުރުދޫ ބައިތުތަކާއެކު ފޮތް ތައްޔާރު ކުރެއްވީ، އޭގެ އަސްލު ބަލައިގެން ދިވެހި ތަރުޖަމާ މިނެކިރާލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.
"ހަގީގަތުގައި މީގެ ކުރިން ދިވެހި ތަރުޖަމާ ނެރެފައިވާ މިހަކަލަ ފޮތްތަކުގައި އޭގެ އަސްލު ހިމަނާފައި ނުވާނެ. ނަމަވެސް އަޅުގަނޑު މި ފޮތުގައި ހިމަނާފައި މި ވަނީ އައްލާމާ އިގްބާލް ލިޔުއްވާފައިވާ ޅެން. އުރުދޫ ބަހުން. އެހެންކަމުން މިނެކިރާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ފޮތުން ތަނަވަސްވެގެންދާނެ،" ގްރޭޑް 8 ގެ ދަރިވަރުންގެ ދިވެހި ފޮތް ވެސް ލިޔުއްވި އަޝްރަފު ވިދާޅުވި އެވެ.
އަޝްރަފު ވިދާޅުވާ ގޮތުގައި އައްލާމާ އިގްބާލުގެ ޝުޢާޢެ އުމީދު ދިވެހި ބަހަށް ތަރުޖަމާ ކުރަން ފަސޭހައެއް ނޫނެވެ. ސަބަބަކީ އެ ޅެމުގައި އަރަބި ލަފުޒުތަކާއި ފާރިސީ ލަފުޒުތަކާއި އުރުދޫ މުސްކުޅި ބުނުންތައް ހިމަނާފައިވުމުންނެވެ. އަދި އުރުދޫ ބަހުގައި ހިމެނޭ މުހާވަރާތަކާއި ހިންދު ކަރައިގައި އެ ދުވަސްވަރު ބޭނުން ކުރަމުން ދިޔަ ސިފަކުރުންތަކާއި އެ ސަގާފަތާ ގުޅުން ހުރި ލަފުޒުތަކާއި އިބާރާތްތައް ޅެމުގައި ހިމަނާފައި ވާތީ، ދިވެހި ބަހަށް ތަރުޖަމާ ކުރަންފަސޭހަކަމަކަށް ނުވެ އެވެ.
އަޝްރަފު ވިދާޅުވީ ޝުއާއެ އުމީދުގެ ދިވެހި ތަރުޖަމާއަކީ ދިވެހި އަދަބިއްޔާތަށް ލޯބި ކުރާ، އަދި އެ ދާއިރާއިން ތައުލީމު އުނގެނޭ ދަރިވަރުންނަށް މުހިއްމު ފޮތެވެ. އަދި އުފެދިގެން އަންނަ ޒުވާން އަދީބުން ލިޔުއްވާ ޅެންތަކުގެ ތަރުޖަމާ އާއި މާނަކުރުންތަކަށް މަގު ދައްކައިދޭނެ ފޮތެކެވެ.
ދިވެހި އަދަބިއްޔާތުގައި ފޮތްތައް ލިޔުއްވައި، ދިވެހި ޅެންވެރިކަމަށް ފާޑުވިދާޅުވެ، ބަހުސް ކުރައްވާ އަޝްރަފުގެ ފޮތުގައި ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ފޮތާމެދު ދެކޭ ގޮތް ހިމަނުއްވާފައިވެ އެވެ. އަދި އައްލާމާ އިގްބާލުގެ ޅެމާމެދު މުހައްމަދު އާމިރު (ފަރެސް އާމިރު) ދެކެވަޑައިގަންނަވާ ގޮތް ވެސް ހިމަނުއްވާފައިވެ އެވެ. އަބްދުﷲ ސާދިގު (ސޯދުބެ)ގެ ލިޔުއްވުމެއް ވެސް އެ ފޮތުގައި ހިމަނާފައިވެ އެވެ. އެއީ ޝިހާބު ހައްދަވާފައިވާ އުއްމީދުގެ ސިއްރުގެ ޅެމުގެ ޝަރަހަ އެވެ.

އަޝްރަފު އަބްދުއްރަހީމް: އަޝްރަފު ވިދާޅުވި ގޮތުގައި ޝުޢާޢެ އުމީދު ތަރުޖަމާ ކުރަން އުނދަގޫވީ އަރަބި ލަފުޒުތަކާއި ފާރިސީ ލަފުޒުތަކާއި އުރުދޫ މުސްކުޅި ބުނުންތައް އެޅެމުގައި ހުރުމުން--
އަޝްރަފު ނެރުއްވި ފޮތް ޗާކުކޮށްގެން ނެރުމަށް މާލީ ގޮތުން އެހީތެރިވެވަޑައިގެންނެވި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދަށް އަޝްރަފު ވަނީ ޝުކުރު ދަންނަވާފަ އެވެ. އޭގެ އިތުރުން ޅެން ތަރުޖަމާކޮށް ދިވެހި ބަހަށް އިބާރާތްތައް ބަދަލުކުރުމުގައި، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަލްފާޟިލް މުޙައްމަދު ޤާސިމް (އއ. މަތިވެރި)ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާތީ އޭނާއަށް ވެސް ޝުކުރު ދަންނަވާފައިވެއެވެ.
އައްލާމާ އިގްބާލްގެ "ޝުޢާޢެ އުމީދު" ގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތެއްގެ ސިފައިގައި ނެރުމަށްފަހު، މިހާރު އަޝްރަފް ފައްޓަވާފައި ވަނީ އައްލާމާ އިގްބާލްގެ "އިބިލީސް ކި މަޖިލިސެ ޝޫރާ" މި ޅެން ތަރުޖަމާ ކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާތަނަށް އެޅެމުގެ 12 ވަރަކަށް ބައިތު ތަރުޖަމާ ކޮށްފައިވެ އެވެ.