މެލޭޝިއާގެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް އިތުރު ސްކޮލަޝިޕްފުރުސަތުތައް ހޯދައިދިނުމަށް އެގައުމުގެ ގިނަ ޔުނިވާސިޓީތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނެފި އެވެ.

ހައިކޮމިޝަނުން އިއްޔެ ބުނީ ދިވެހި ދަރިވަރުންނަށް ޑިސްކައުންޓާއި ސްކޮލަޝިޕްފުރުސަތުތައް ދޭން ހުށަހެޅި ޔުނިވާސިޓީތަކާއި ދިވެހި ދަރިވަރުންގެ ބައްދަލުވުމެއް ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާފައިވާ ކަމަށެވެ. މިހާރު މެލޭޝިއާއަށް ވަޑައިގެން އުޅުއްވާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބުދުﷲ ނަޒީރު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ބުންޏެވެ. އެބައްދަލުވުން ބޭއްވީ ސަރުކާރު މެދުވެރިކޮށް އެފުރުސަތުތައް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި މެލޭޝިއާގެ ޔުނިވަސިޓީތަކަކީ ސަން ވޭ އެޑިއުކޭޝަން ގްރޫޕާއި ޔޫސީއެސްއައިއާއި ރަމްސީ ސައިމް ޑާބީ ކޮލެޖާއި މާހްސާ ޔުނިވާސިޓީއާއި އޯޕެން ޔުނިވާސިޓީ މެލޭޝިއާއާއި ޕަރްޑަނާ ޔުނިވާސިޓީ އާއި އިންސްޓްޓިއުޓް އަމީނުއްދީން ބާކީ އެވެ. އެ ޔުނިވާޓީތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެތަންތަނުން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ފުރުސަތުތަކާއި ބެހޭ ގޮތުން ތަފުސީލީ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުﷲ ނަޒީރު އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހި ސަރުކާރުގެ ފަރާތުން އެޔުނިވަސިޓީތަކަށް ޝުކުރުއަދާކުރެއްވި އެވެ.