12 Aug 2015, 13:49
އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން ވަކިވާ ނަމަ ނުވަތަ ވަޒީފާ އިން ވަކި ކުރާނަމަ ޕެންޝަން އިނާޔަތް ލިބިދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ މަނިކު ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ 57 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.
މޫސަ ހުށަހަޅުއްވާފައި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ސުކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އުމުރުން 16 އަހަރާއި 60 އަހަރާ ދެމެދު ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ކަމަށެވެ.
ޕެންޝަން ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށެވެ. ނަމަވެސް މޫސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 60 އަހަރު ކަމަށެވެ.
ޕެންޝަން ގާނޫނަކީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެކެވެ.
ދިވެހިރާއްޖޭގެ ރިޓަޔާމަންޓު ޕެންޝަން ސުކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން ހަތް ޕަސެންޓު އަދި މުވައްޒަފަކު ވަޒީފާ އަދާ ކުރާ ތަނަކުން ހަތް ޕަސެންޓު ޕެންޝަނަށް ދައްކަން ޖެހެ އެވެ.