ބޮލީވުޑް ފިލްމުތައް ކުޅެ މަގުބޫލުކަން ހޯދައިފައިވާ ފަސް ތަރިއެއް ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފިރިހެން ފިލްމީތަރިންގެ ލިސްޓުގައި ހިމެނިއްޖެއެވެ.

މީގެ ތެރެއިން ތިން ތަރިން ކަމުގައިވާ ސަލްމާން ޚާނާއި އަމީތާބް ބައްޗަން އާއި އަކްޝޭ ކުމާރު ހިމެނިފައިވަނީ އެންމެ މުސާރަ ބޮޑު ފިލްމީތަރިންގެ ލިސްޓުގެ ގަދަ ދިހައެއްގައި، ހޮލީވުޑް ފިލްމީތަރިން ކަމުގައިވާ ޑްވޭން ޖޮންސަން (ދަ ރޮކް) އަދި ލިއެނާޑޯ ޑިކެޕްރިއޯ އަށްވުރެ ކުރީގައެވެ.

"ފޯބްސް" މެގަޒިން އިން މިދިޔަ ހަފުތާގައި އާންމުކުރި މި ލިސްޓުގައި ހޮލީވުޑުން ބޭރު ފިލްމީތަރިން ހިމެނުމާ އެކު ފުރަތަމަ ފަހަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު ކުޅޭ ތަރިންގެ މުސާރަ އަޅައިކިޔައިލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

މި ބަދަލާއެކު 2014 ގައި 50 މިލިއަން އެމެރިކާ ޑޮލަރު ހޯދި ހޮން ކޮންގްގެ ފިލްމީތަރި ޖެކީ ޗޭން ލިސްޓުގެ ދެވަނައަށް އެރި އިރު ލިސްޓުގެ އެންމެ މަތީގައި ހިމެނުނީ 2014 ވަނަ އަހަރު 80 މިލިއަން އެމެރިކާ ޑޮލަރު ހޯދި ހޮލީވުޑް ފިލްމީތަރި ރޮބާޓް ޑައުނީ ޖޫނިއާ އެވެ. މިއީ އޭނާ ލިސްޓުގެ އެއްވަނައިގައި ވިދިވިދިގެން ހިމެނުނު ތިންވަނަ ފަހަރެވެ.

އެންމެ މުސާރަ ބޮޑު ބޮލީވުޑް ފިލްމީތަރިން ކަމުގައިވާ ސަލްމާން ޚާނާއި އމީތާބް ބައްޗަން ހިމެނުނީ ލިސްޓުގެ ހަތްވަނައިގައެވެ. މި ދެ ބަތަލުންނަށް ފިލްމު ކުޅެގެން މިދިޔަ އަހަރު 33.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

"އަހަރެން ވަރަށް ހައިރާންވެއްޖެ ގްލޯބަލް ރޭންކިންގްސް ތެރޭ ހިމެނުމަށް އެހާ ގިނަ ދުވަސް ނެގީމަ،" ބޮލީވުޑް ފިލްމީދާއިރާގައި މަސައްކަތް ކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ޕަބްލޮސްޓެއް ކަމުގައިވާ ރާޖޫ ކަރިޔާ އާއި ހަވާލާދީ "އޭބީސީ ނިއުސް" އިން ރިޕޯޓު ކޮށްފައި ވެއެވެ. ބޮލީވުޑް ފިލްމީތަރިންގެ މަޤުބޫލުކަން ހުންނަވަރަކީ "ފަސް އަހަރުގެ ކުޑަކުދިން އިން ފެށިގެން މުސްކުޅި ބޮޑުދައިތައިންނާ ހަމައަށް ތިބެނީ އެމީހުންނާހެދި މޮޔަވެފަ."

ސަލްމާން ޚާން މި ހޯދި މަގާމުން ހާމަވެގެންދަނީ ބޮލީވުޑް އެކްޓަރުންނަށް "ސްކޭންޑަލް" ތަކުން މާ ބޮޑު އަސަރެއް ނުކުރާ ކަމެވެ. 2002 ވަނަ އަހަރު ހިނގައިދިޔަ އެކްސިޑެންޓެއްގައި ފަގީރަކު މަރުވެ އިތުރު ހަތަރު މީހަކަށް އަނިޔާވި މައްސަލައިގައި ސަލްމާން ޚާނާއި ދެކޮޅަށް ދައުވާ އުފުލި ކޯޓުގައި އެ މައްސަލަ ހިންގަމުން ދިޔަ ނަމަވެސް އޭނާގެ މަޤުބޫލު ކަމަށް އަސަރު ކޮށްފައެއް ނެތެވެ. އަދި 2006 ވަނަ އަހަރު، ހިމާޔަތް ކުރެވިފައިވާ ފުއްލާއެއްގެ ވައްތަރެއް ކަމުގައިވާ "ބޮލެކްބަކް ޑިއާ" ޝިކާރަ ކުރިމައްސަލައިގައި ހުކުން އިއްވިނަމަވެސް އެކަމުންވެސް އޭނާގެ މަޤުބޫލުކަމަށް އަސަރެއް ނުކުރެއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ މުސާރަ ކިތަންމެ މަތީގައި އުޅުނަސް، ބޮލީވުޑް ފިލްމުތަކުން ލިބޭ ފައިސާ ދަނީ މަދުވަމުންނެވެ. ބޮލީވުޑް އަކީ އަހަރަކު 1،000 ވަރަކަށް ފިލްމު ނެރެ ދުނިޔޭގެ އެންމެ ގިނަ ފިލްމު ނެރޭ އިންޑަސްޓްރީއަށް ވީނަމަވެސް މިއަހަރު މިހާތަނަށް ރަނގަޅު ފައިދާއެއް ހޯދައިފައި ވަނީ ހަވަރަކަށް ފިލްމުންނެވެ. އެތައް ސަތޭކަ ފިލްމު ވަނީ ފްލޮޕެވެ.

އިންޑިއާގެ އިގްތިސާދު ކުރިއަރައި މެދުފަންތީގެ މީހުން ގިނަވަމުން ދާއިރު، ފިލްމު ޓިކެޓު ގަންނަ މީހުން އިތުރުވެ ފިލްމު ސިނަމާތައް ވެސް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ބޮލީވުޑް ދަނީ ބޭރު ފިލްމުގެ ސަބަބުން ބޮޑެތި ފިއްތުންތަކާ ކުރިމަތިލަމުންނެވެ.

ފިލްމު ވިޔަފާރިގެ އެނެލިސްޓެއް ކަމުގައިވާ ވިނޯދު މިރާނީ އާ ހަވާލާދީ "އޭބީސީ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެހެން ފިލްމީ އިންޑްރަސްޓީތަކާ، ހާއްސަކޮށް ހޮލީވުޑު އާއި ބޮލީވުޑާއި އޮންނަ ވާދަވެރިކަމުގެ ސަބަބުން ފިލްމު ބަލާމީހުން ފިލްމެއްގައި ހުންނަން ބޭނުންވާ ކަންތައް ގިނަވެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.

" ކޮންފެޑަރޭޝަން އޮފް ޑޭނިޝް އިންޑަސްޓްރީޒް" އިންޑިއާގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ބޮލީވުޑްގެ ފައިދާ ދަނީ އަހަރަކުން އަހަރަކުން ދިހަ އިންސައްތައިގެ ކުރިއެރުމެއް ހޯދަމުންނެވެ. އަދި މުޅި އިންޑަސްޓްރީ އިން ލިބޭ ފައިދާ 2016 ވަނަ އަހަރު 4.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.

އެންމެ މުސާރަ ބޮޑު ފިލްމީތަރިންގެ ލިސްޓަށް އެރި ބޮލީވުޑް ފަސް ތަރިންގެ ޖުމްލަ އާމްދަނީ އަކީ 140.5 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އެއް ގައުމަކަށް ނިސްބަތްވާ އެކްޓަރުންތަކަކަށް ލިބުނު ދެވަނަ އަށް އެންމެ މަތީ އާމުދަނީއެވެ.