12 Aug 2015, 22:11
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިގީ)ގައި ބައިވެރިވެ ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދު ސިފައިންގެ ސާޖެންޓްގެ މަގާމަށް ޕްރޮމޯޓްކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ އޭނާ އަށް ޕްރޮމޯޝަން ދިނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. ސާއިދަކީ މީގެ ކުރިން އެމްއެންޑީއެފްގެ ލާންސްކޯޕްރަލްއެއްގެ މަގާމުގައި ހުރި ސިފައިންގެ މީހެކެވެ.
ސާޢިދު އަށް ޕްރޯމޯޝަން ދިންކަން އިއުލާން ކޮށްފައި ވަނީ މިނިވަން ފަންސާސްގައި އެމްއެންޑީއެފުން ހުށަހަޅައިދިން ކުޅިވަރުތަކުގެ ބައިވެރިންނަށް މިރޭ އެމްއެންޑީއެފުން ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އެމްއެންޑީއެފް އިން ވަނީ ސާޢީދު ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ހަނދާނީފިލައެއް އަރުވާފަ އެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން ބައިވެރިވި ކުޅިވަރުތަކުގެ ތެރެއިން އެތުލެޓިކްސްގައި 100 މީޓަރު ދުވުމުން ރަންމެޑަލް އަދި 200 މީޓަރު ދުވުމުން ރިހިމެޑަލް ސާއީދު ވަނީ ހޯދައިފަ އެވެ.