12 Aug 2015, 23:06
ކުޅުދުއްދުއްޓާއި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ކުޅުދުއްފުށީގައި ލައްވާލިއިރު، މިދިޔަ އަހަރު ފައިނަލުގައި ނިއުއާ ދެކޮޅަށް ނިކުތް އީގަލްސް އައްޑޫ ސިޓީީގެ ގޫރޫޕްގައި ލައްވާލައިފި އެވެ.
މިރޭ އެފްއޭއެމް ހައުސްގައި މުބާރާތުގައި ވަދަކުރާ ޓީމުތަކުގެ ހާޒިރުގައި ބޭއްވި ގުރުނެގުމުގެ ސެރަމަނީގައި ނިއުރޭޑިއަންޓްގެ އިތުރުން ދެން ކުޅުދުއްފުށީ ގުރޫޕްގައި ލައްވާލީ ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
ޖުމްލަ އަށް ޓީމު ވާދަ ކުރާ މުބާރާތުގައި އައްޑޫ ސިޓީގެ ގުރޫޕްގައި އީގަލްސްއާއެކު ލައްވާލީ ވާދަވެރި މާޒިޔާ އާއި ކުލަބު ވެލެންސިއާގެ އިތުރުން މުބާރާތް 20 ފަހަރު ކާމިޔާބު ކޮށްފައިވާ ވިކްޓްރީ އެވެ.
އައްޑޫސީޓީގެ ހިމެނޭ ޓީމްތައް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު ކުޅުދުއްފުށީގެ މެޗްތައް ކުޅޭން ހަމަޖެހިފައި ވަނީ އެ ރަށުގައި ހުންނަ ޒޯން ސްޓޭޑިއަމްގަ އެވެ.

މުބާރުތުގެ ގުރު ނެގުނު ގޮތް --- ސަން ފޮޓޯ
އަންނަ މަހު 15 ގައި މުބަރަތް ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީފައިނަލް މެޗާއި ފައިނަލް މެޗް ކުޅޭނީ އައްޑޫ ސީޓީގަ އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 29 ވަނަ ދުވަހުއެވެ.
ކުރިން ޕްރެޒިޑެންޓް ކަޕަށް ކޮލިފައިވަނީ ދިވެހި ލީގުގެ ގަދަ ހަތަރު ޓީމެވެ. ނަމަވެސް އެފްއޭއެމްގެ ނޯލައިޒޭޝަން ކޮމިޓީން ފުޓްބޯޅަ ސީޒަންގެ މުބާރަތްތަކަށް ގެނައި ބައެއް ބަދަލު ތަކުގެ ތެރޭގައި ދިވެހި ލީގްގެ އެންމެ ވަރުގަދަ ހަ ޓީމް ޕްރެޒިޑެންޓް ކަޕްގައި ވާދަ ކުރަ ގޮތަށް ހަމަޖައްސާފައި ވާތީ، އާ ބަދަލުގެ ސަބަން އަށް ޓީމަށް އިތުރުވުމާއެކު ދިވެހި ޕްރިމިއާ ލީގުގެ ކުރިން މުބާރާތް ބާއްވާތީ ފުރަތަމަ ޑިވިޝަން ޓީމުތައް މުބާރާތުގައި ވާދަ ކުރާނެކަމަށް ބައްސާމް ވިދާޅުވި އެވެ.
ގުރު ނެގުމުގެ ރަސްމިއްޔާތައް ފަހު ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ ދިވެހި ޕްރިމިއާ ލީގްގައި ކުޅޭ ހުރިހާ ޓީީމެއް އަތޮޅު ތެރެއަށް ގޮސް ކުޅޭ ފުރަތަމަ ފަހަރު ކަމަށާއި އަތޮޅު ތެރޭގައި ގިނަ ޓީީމްތަކެއް ގޮސް ކުޅޭތީ ބައެއް ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ.
އެހެންކަމުން އެ ދަތިތައް ހައްލު ކުރުމުގައި އެފްއޭއެމް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.