މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި އިސްރާއީލަށް ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު 2014 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، 13 ޕަސެންޓް ދަށަށް ގޮސްފިއެވެ.

އިސްރާއީލްގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެގައުމަށް 1.84 މިލިއަން ފަތުރުވެރީން ޒިޔާރާތްކޮށްފައި ވީ ނަމަވެސް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ގައުމަށް ޒިޔާރާތްކޮށްފައި ވަނީ، 1.6 މިލިއަން ފަތުރުވެރީންނެވެ.

މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ސިނާއަތް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އިސްރާއީލަށް ފަތުރުވެރީން އައުން އެހާ ބޮޑުތަން މަދުވެފައި ވަނީ، އެގައުމުގެ ހަރުކަށި ސިޔާސީ ފިކުރުގެ ތެރޭން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އިސްރާއީލުން ޢައްޒާގައި ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޖަރީމާތަކުގައި ޣައްޒާގެ 2260 މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދީންނާއި އަންހެނުން ހިމެނެއެވެ.