14 Aug 2015, 10:19
އަރަބިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ފިރިހެން ދަރިވަރަކަށް އަންޞާރު އިބްރާހިމް އަދި ހުރިހާގޮތަކުން އެންމެ މޮޅު އަންހެން ދަރިވަރަކަށް މަރިޔަމް މުއުމިނާ ހޮވިއްޖެ އެވެ.
ރޭ އަރައްބިއްޔާ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާއިން މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދެ ދަރިވަރުން ކަމަށްވާ އަންޞާރާއި މުއުމިނާ އަށްވަނީ ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީގެ އިނާމު ދީފައެވެ. އޭގެ އިތުރުން ސްކޫލުގެ ފަރާތުން ހާއްސަ އިނާމާއި ހަނދާނީ ލިޔުން ވަނީ އެ ދެ ދަރިވަރުންނާ ހަވާލު ކޮށްފައެވެ.
އަރަބިއްޔާއިން ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ޖުމްލަ 70 ދަރިވަރަކަށް 13 ދާއިރާ އަކުން ވަނީ އިނާމު ލިބިފައެވެ. އެގޮތުން އެ ހުރިހާ ދަރިވަރުންނަށް ޖުމްލަ 201 އިނާމު ލިބިފައި ވާކަމަށް އަރަބިއްޔާ އިން ބުންޏެވެ.
އެކި ދާއިރާތަކުން ގިނަ ދަރިވަރުންތަކަކަށް އިނާމު ލިބިފައިވާއިރު ސަބްޖެކްޓް ޕްރައިޒް 50 ދަރިވަރަކަށް ވަނީ ލިބިފައެވެ. ޝަރަފުވެރި އިނާމު 21 ދަރިވަރަކަށް ލިބިފައިވާއިރު ކްލާސް ޕްރައިޒް ވަނީ 13 ދަރިވަރަކަށް ލިބިފައެވެ. ކްލާސް ޕްރޮގްރެސް ޕްރައިޒް 10 ދަރިވަރަކަށް ލިބިފައިވާއިރު އިތުރު ކެޓަގަރީތަކުން ހަތް ދަރިވަރަކަށް ވަނީ އިނާމު ލިބިފައެވެ.
އިތުރު ހަރަކާތްތަކުގެ ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދީފައިވާއިރު ހުރިހާ ގޮތަކުން އެންމެ މޮޅު ފިރިހެން ސްކައުޓަކަށް ހޮވިފައިވަނީ މުހައްމަދު ޒައިދާން އަބްދުﷲ އެވެ. އަދި އެންމެ މޮޅު އަންހެން ސްކައުޓަކަށް ހޮވިފައިވަނީ އައިމިނަތު އައިނާ އަލީއެވެ.