14 Aug 2015, 10:55
މިފަހަކަށް އައިސް ރާއްޖޭގެ ޚަބަރު ފަތުރާ ބައެއް ފަރާތްތަކުން އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ ސިހުރު ހެދުމަށް ރައްޔިތުންނަށް ހިތްވަރު ލިބިދޭފަދަ ގޮތަކަށް ޚަބަރުފަތުރާ ވަސީލަތްތަކުން އަމަލުކުރަމުން ގެންދާތީ އެގޮތަށް ހަބަރުތައް ނުފޮނުވުމަށް އިސްލާމީ ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ.
ސިހުރު ހެދުމާއި އުގެނުމާއި އުގަންނައި ދިނުމާ ދިނުމުގެ ހުކުމް ބަޔާންކޮށް ފިގުހު އެކަޑަމީން އިއްޔެ ބުނެފައި ވަނީ، ސިހުރު ހެދުމާބެހޭގޮތުން ރައްޔިތުންނަށް އެކަން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ދިވެހީންގެ ތެރޭން ބަޔަކު ކުރަމުންދާ ކަމީ، އިސްލާމްދީނުގެ ސާފު ތެދުމަގުން ރައްޔިތުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނޭ ކަމަކަށް ވާތީ ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން އެފަދަ ތަކެތި ނުފޮނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ސިހުރު، ހަދާ މީހުންގެ ގާތަށްގޮސް ރުޤުޔާ ޝަރުއިއްޔާގެ ނަމުގައި ފަންޑިތައިގެ އެހީލިބިގަތުމަކީ، ހުއްދަވެގެން ނުވާ ހަރާމް ކަމަކަށް ވާތީ، ދިވެހި ރައްޔިތުން އެފަދަ މީހުންގެ ގާތަށް ނުދިއުމަށް ވެސް ފިގުހު އެކަޑަމީން ވަނީ އިލްތިމާސް ކޮށްފައެވެ.
"އެހެންކަމުން ސިހުރު ހެދުމާއި، އުގެނުމާއި އުގަންނައި ދިނުމުގެ ހުކުމާބެހޭ ގޮތުން އިސްލާމީ ފިގުހު އެކަޑަމީގެ ރައުޔު ހާމަކޮށް 13 އޯގަސްޓް 2015 ގައި ވަނީ އެކަޑަމީގެ ފަތުވާ 01 (ނަންބަރު:IFA/2015/01) ނެރުއްވާފައެވެ." އިސްލާމީ ފިގުހު އެކަޑަމީން ނެރުނު ފަތުވާއާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފައި ވެއެވެ.