ބާން (އޮގަސްޓް 14): އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް އެޅި ދަތިކުުރުމުގެ ފިޔަވަޅުތައް ސްވިޒަލޭންޑުން އުވާލައިފިއެވެ.

މިފިޔަވަޅުތައް އުވާލުމާއެކު އީރާނާ މުއާމަލާތް ކުރުމުގައި އެއްވެސް ދަތިކަމެއް މިހާރު ނެތްކަމަށާއި އަދި އީރާނާއެކު ގުޅުންތައް ބަދަހިކުރަން ބޭނުންވާކަންވެސް ސްވިސް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސްވިސް މަސްއޫލުވެރިއަކު ވިދާޅުވީ މިއީ އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމަށް އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި އެއްބަސްވުމަށް ތާއީދުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށާއި އެ އެއްބަސްވުމަށް ސްވިސް ސަރުކާރުން މަރްހަބާ ކިޔާކަމުގައެވެ.

ސްވިޓްޒަލޭންޑުގެ ސަރުކާރުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އިގްތިސާދީ ފިޔަވަޅުތަކާއި މާލީ ފިޔަވަޅުތަކެވެ.

އަނެއްކޮޅުން ޔޫރަޕްގެ އިއްތިޙާދުންވެސް ވަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާބެހޭ ވެރިޔާ ފްރެޑްރިކާ މޮގިރީނީ ވިދާޅުވީ އީރާނުގެ ނިއުކްލިއަ އެއްބަސްވުން އީރާނުގެ ޕާލަމެންޓުން ތަސްދީގުކޮށް އެއެއްބަސްވުން ތަންފީޒުކުރަން ފެށިކަން އީރާނުގެ ސަރުކާރުން އިޢުލާންކުރާއިރަށް ޔޫރަޕްގެ އިއްތިޙާދުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުުމުގެ ފިޔަވަޅުތައް އުވާލާނެކަމުގައެވެ. (ރޮއިޓާސް)