މޫސުމަށް އައްނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި އެކި ގުދުރަތީ ހާދިސާތަކާ ގުޅިގެން 2040 ވަނަ އަހަރާ ހަމައަށް ދާއިރު ކާބޯތަކެތީގެ ބަލިމަޑުކަމެއް ފެތުރޭނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ގްލޯބަލް ފުޑް ސެކިއުރިޓީން ހެދި ދިރާސާއަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެތަނުގެ އެކްޓިންގް އެމްބެސަޑާ އަދި ތަރުޖަމާނު ޓިމް ބެންޓަން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ފެންބޮޑުވުމާއި ސުނާމީ ފަދަ ކާރިސާތަކުގެ ސަބަބުން ދަނޑު ބިންތަކަށް އަސަރުކޮށް ކާބޯތަކެއްތި ލިބުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާނެ ކާބޯތަކެތީގެ ބަލިމަޑު ކަމަކަށް ތައްޔާރުވުމަށް އިލްތިމާސް ކުރައްވަމުން ޓިމް ވިދާޅުވީ ވިޔަފާރީގެ އާ ޕްލެންތަކަކާ އެކު އާ ޕޮލިސީތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި ކުރިމަތިވާނެ ގެއްލުންތަކަކަށް ދުރާލާ ތައްޔާރުވުމަށް ޓިމް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

މިހާރަށް ވުރެ ކާބޯތަކެތި ބޭނުންވާ މިންވަރު 60 ޕަސެންޓް އިތުރުވާނެ ކަމަށް ވެސް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އެހުރިހާ ކަމަކަށް ވިސްނާ ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޓިމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.