އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާ ފާގަތިކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

އިންޑިއާގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަކި ވަކިން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަހުމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް ޔަގީން ކުރައްވާ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން ރައީސް ޔާމީން އެ ގައުމުގެ ރައީސަށާއި ބޮޑު ވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވާ އިރު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފަ އެވެ.

އިންޑިޔާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް ފޮނުއްވި މެސެޖުގައި، މިނިސްޓަރު ދުންޔާ ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާގެ މަންފާއަށް ޓަކައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. ހަމައެއާ އެކު ސައުތު އޭޝިއާ ސަރަހައްދީ އެއްބާރުލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ދުންޔާގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ.