16 Aug 2015, 12:01
މިދިޔަ ޖޫން މަހުގައި ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހާއަށް ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތު ދީފި އެވެ.
ބާންދް ޝަަހުމިޔާ މަރާލި މައްސަލާގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ލ. ގަން ރެޑްފިޝް އަލީ ހަމްޒާ ގެ މައްޗަށެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ހަމްޒާއަށް ވަކީލަކު އައްޔަންކޮށް ދިނުން އަވަސްކޮށް ދިނުމަށް އެދި ޕީޖީއަށް މިއަދު ސިޓީ ހުށަހަޅާނެ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހައްމަދު ނަޝީދު ވިދާޅުވީ ދެން ޝަރީއަތެއް އޮއްނާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށާއި އޭގެ ކުރިން ވަކީލަކު ހޯދުމަށް ފުރުސަތުދޭ ކަމަށެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 9 ޖޫން 2015 ވަނަ ދުވަހު 22:00 އެހާކަންހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖަހުމުގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައި ވާތީ އަލީ ހަމްޒާގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަނީ ކަމަށެވެ.
އެ މައްސަލައިގެ ދައުވާ ލިބޭ އަލީ ހަމްޒާ އެދުވަހު ބުނެފައިވަނީ ދައުވާއަށް ޖަވާބު ދާރީވާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ.