16 Aug 2015, 12:33
ތިމާވެއްޓަށް ފައިދާވާ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ރިޒޯޓުތަކަށް ޚާއްސަ އެވޯޑެއް ކަމަށްވާ "3 އާރު އެވޯޑް" އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ރިޒޯޓުތަކަށް ދޭން ފަށާނެ ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި 3 އާރު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަންނަ އަހަރު ދޭން ފެށުމަށް ހަމަޖެހިފައިވާ އެ ގައުމީ އެވޯޑަކީ ތިމާވެއްޓަށް ފައިދާ ވާގޮތަށް މަސައްކަތް ކުރާ ރިޒޯޓުތަކުގެ ތެރެއިން ވަކި ޅާއްސަ ކްރައިޓީރިއާއަކަށް ފެތޭ ރިޒޯޓުކަކަށް ލިބޭ އެވޯޑެއް ކަމަށެވެ.
"ތިމާވެށްޓަށް ފައިދާވާގޮތަށް މަސައްކަތްތައް ބައްޓަން ކޮށްގެން ކަންތައްތައް ކުރިއަށް ގެންދާ ރިޒޯޓުތަކަށް ޚާއްސަކޮށްގެން އަންނަ އަހަރުން ފެށިގެން ގައުމީ 3 އާރު އެވޯޑެއް ދިނުމަށް ވަނީ އަޅުގަނޑުމެން ހަމަޖައްސާފައި. ހާއްސަ ކްރައިޓީރިއާތަކަކަށް ފެތޭ ރިޒޯޓުތަކަށް ދިނުމަށް ހަމަޖެހިފައިވާ ރިޒޯޓެއް މިއަކީ،" ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ އެވޯޑަކީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ކަނޑާއި ފަޅުތައް ރައްކާތެރިކުރާ ރިޒޯޓުތަކަށް އިތުރަށް ހިތްވަރުދިނުމަށް ދެވޭ އެވޯޑެއް ކަމަށެވެ.
ރާއްޖޭގެ ޖީޑީޕީގެ 75 ިއންސައްތަ އަކީ ފަތުރުވެރި ކަމަށްވާއިރު މީގެ 16 އަހަރު ކުރިން ވެފައިވާ އެއްބަސްވުމެއްގައި ބުނާގޮތުން ފަތުރުވެރިކަމުގެ ކޮންމެ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދިއުމުގެ ކުރިން އެއިން ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް އަދި ފައިދާތަކަށް ބަލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.