16 Aug 2015, 21:18
ކ. ތަނބުރުދޫގައި ޓޫރިސްޓު ރިޒޯޓެއް ތަރައްގީ ކުރުމަށް ދިން ހުއްދަ ބާތިލްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު އެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށާއި އެއްބަސްވުން ބާތިލްކުރީ ރިޒޯޓް ތަރައްގީކޮށް ހިންގުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާފައި ނުވާތިީއާއި އެކަށިގެންވާ މަސައްކަތް ކޮށްފައިނުވާތީ ކަމަށެވެ.
"ތަނބުރުދޫގައި ޓޫރިސްޓު ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް 13 އޯގަސްޓް 2012 ގައި ސޮއިކޮށްފައިވާ ލީސް އެގްރިމެންޓް 16 އޯގަސްޓް 2015 ވީ އާދިއްތަ ދުވަހު ވަނީ ބާތިލްކުރެވިފަައި،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ސިފައިންގެ ތަމްރީންތަކަށް ކުރިން ބޭނުން ކުރަމުން ގެންދިޔަ ކ. ތަނބުރުދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ސިންގަޕޫރުގެ ކުންފުންޏަކަށް އެެރަށް ވިއްކާލާފައިވަނީ އެންމެ ފުރަތަމަ އެ ރަށް ތަރައްގީ ކުރުމަށް ދޫކުރި "ސިފައިންގެ ވެލްފެއާ ކުންފުނިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެރަށަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސާފިން ޕޮއިންޓެއް ހިމެނޭ ރަށަކަށްވާއިރު، ސާފިން ހެރިޓޭޖެއްގެ ގޮތުގައި ކަނޑައަޅައި ބޭއްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތެއް ކަމަށެވެ.
"އާންމުނަށާއި ވަކިން ހާއްސަކޮށް ދިވެހި ރާޅާއަޅާ ފަރާތްތަކަށް އެންމެ ފުރިހަމައަށް މިރަށް ބޭނުންކުރެވޭނެ ގޮތަށް މިރަށް ބޭއްވުމަށް އެމަނިކުފާނު ވަނީ ނިންމާފަ." ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ރާޅާއެޅުމުގެ މުބާރާތްތައް އެރަށުގައި ބޭއްވި އެރަށް އެންމެ ފުރިހަމަ ގޮތަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.