ޓުރެފިކް ގަވައިދާ ހިލާފަށް އުޅަނދު ޕާކްކޮށްގެން ކުރި ޖޫރިމަނާތައް މާފުވާ ގޮތަށް މަޖިލީހަށް ހުށައެޅި އިސްލާހާ އެކު ހިތުހުރި ގޮތަކަށް ޕާކް ކުރުން ދިޔައީ އިންތިހާއަށް އާންމުވެފަ އެވެ. ލިބޭނެ އަދަބެއް ނެތީމަ އުސޫލެއް ނެތި ބޭނުންތާކު ޕާކް ކޮށްލަނީ އެވެ. ކުރީގެ ޖޫރިމަނާތައް މާފު ވެގެން ދިޔަ ނަމަވެސް މިދިޔަ ހަފްތާ އިން ފެށިގެން އަނެއްކާ ވެސް އެވަނީ ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސުޓިކާ ޖަހަން ފަށައިފަ އެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި ގަވައިދާ ހިލާފަށް ޕާކްކުރާ ނަމަ ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

އެއްގަމު ދަތުރުފަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގް ކުރައްވައި ކުރިންކުރެވިފައިވާ ޖޫރިމަނާތައް މައާފްވީ ނަމަވެސް އަނެއްކާ އެވަނީ ޖޫރިމަނާ ކުރަން ފަށައިފަ އެވެ. ސުޓިކާ ޖެހުމާ އެކު ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ވެސް ފުލުހުން އެވަނީ ފަށައިަފ އެވެ.

"ގަވައިދުން ހުއްދަ ލިބޭ އެންމެ ފުރަތަމަ ފަހަރު ޓޯ ކުރަން ވެސް ފުރަތަމަ ފަހަރު ސުޓިކާ ޖަހަންވެސް، ހާލަތަކަށް ބަލާފައި އެގަޑިއެއްގެ އެންމެ ރަނގަޅު ގޮތަކަށް އަމަލު ކުރަމުންދާތީ." ޗީފް ސްޓޭޝަން އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ސުޖާއު ވިދާޅުވި އެވެ.

ޓޯކުރާ އުޅަނދުތައް ވެރިފަރާތުން ބަލައި ނާންނަ ނަމަ 60 ދުވަހުގެ ތެރޭގައި ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ. ސުޓިކާ ޖަހާ ނަަމަ ފުރަތަމަ ފަހަރަށް 250 ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ. ދެވަނަ ފަހަރު 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ އިރު ދެން އިތުރުވާ ކޮންމެ ފަހަރަކު 750 ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ.

ޓުރެފިކް ގަވައިދާ ހިލާފަށް ޕާކް ކުރުމުން ކުރިން ކުރި ޖޫރިމަނާ މާފްވެގެން ދާނެ ކަން އެނގުމުން އޭރު ވަނީ ނުގަވައިދުން ޕާކް ކުރުން އިންތިހާއަށް އިތުރުވެފަ އެވެ. އަދިވެސް ގިނަ ބަޔަކު ވަނީ އެގޮތަށް ހޭނިފަ އެވެ. ސަމާލުކަން ދޭންވީ ކަމަކީ ދެން ކުރިއަށްއޮތްތަނުގައި ޖޫރިމަނާ ކުރާނެތީ އެކަމަށް ސަމާލު ވުމަށެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވެސް ވަނީ ނުގަވައިދުން ޕާކްކޮށްފައި ހުރި އުޅަނދުތަކުގައި 15،964 ސްޓިކާ ޖަހައިފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ވަނީ 16،840 އެވެ. މިދިޔަ އަހަރު ފުލުހުން ވަނީ ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި 54،303 އުޅަނދެއްގައި ސްޓިކާ ޖަހައިފަ އެވެ. އެއީ އެތައް ލައްކަ ރުފިޔާ އެވެ.