އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން ބާއްވަ އެންމެ ބޮޑު ފޯރަމް 3 އާރް (ރިޑިއުސް، ރިޔޫޒް، ރިސައިކަލް) މާލޭގައި ފަށައިފި އެވެ.

ދަރުބާރުގޭގައި މިއަދު ފެށި ހަ ވަނަ ރީޖަނަލް 3 އާރު ފޯރަމް އަކީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފޯރަމްއެކެވެ.

އިއްޔެ އެ ފޯރަމް ހުޅުވި ކަމުގައިވި ނަމަވެސް ފޯރަމްގެ މަސައްކަތްތައް ފަށާނީ މިއަދެވެ. އިއްޔެ އެ ފޯރަމް ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ އިރު އިއްޔެ ވަނީ ހާއްސަ ދެ މަސައްކަތެއް ކޮށްފަ އެވެ. އެގޮތުން 99 ރިޒޯޓަކުން ވަނީ 3 އާރު ޑިކްލެރޭޝަންގައި ސޮއިކޮށްފަ އެވެ. އަދި ރާއްޖޭގެ އަތޮޅު ކައުންސިލުތަކުން ވަނީ "ސާފު ރާއްޖެ އިނިޝިއޭޓިވް"ގައި ބައިވެރިވެފައި ވެސް ވަނީ އިއްޔެ އެވެ.

މިއަދު ދަރުބާރުގޭގައި 3 އާރު ފޯރަމް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފޯރަމްގެ ސެޝަންތައް މިއަދުން ފެށިގެން ކުރިއަށްދިޔުމަށް ހަމަޖެހިފައިވާ އިރު އެ ސެޝަންތަކުގައި ސަރުކާރުގެ އެކި މިނިސްޓަރުން ބައިވެރިވެ ވަޑައިންނަވާނެ އެވެ. އެގޮތުން މިހާރު ކުރިއަށްދާ ސެޝަންގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެ ވަޑައިންނަވާއިރު މެންދުރު ކުރިއަށްދާ ސެޝަންގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިންނަވާނެ އެވެ.

މިއަދު ދަރުބާރުގޭގައި 3 އާރު ފޯރަމް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔަސުހީރޯ އޮޒާޓޯ ވިދާޅުވީ ތިމާވެށި ރައްކާތެރި ކުރުމަށް ކުރިއަށްދާ ކޯޕަރޭޝަންތަކުގައި ޖަޕާނުން ވަނީ ބައިވެރި ވެފައި ކަމަށެވެ.

މިއަދު ރަސްމީކޮށް ފެށި އެ ފޯރަމްގައި ދުނިޔޭގެ 33 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.

އެ ފޯރަމްގައި ސަރުކާރުތަކުގެ ފަރާތުން 141 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި އަށް މިނިސްޓަރުންނާއި ހަތަރު ސްޓޭޓް މިނިސްޓަރުންނާއި މޭޔަރަކާއި ގަވާނާއެއް ހިމެނިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ގައުމުތަކުގެ ސަރުކާރުތައް ތަމްސީލު ކުރައްވާ ބޭފުޅުންގެ އިތުރުން އެކި އެކި ޖަމާއަތްތައް ތަމްސީލުކުރައްވާ 111 ބޭފުޅުންނާ އެކު ޖުމްލަ 250 ބޭފުޅުން އެ ފޯރަމްގައި ބައިވެރިވަޑައިންނަވާނެ އެވެ.

ސަރަހައްދީ 3 އާރް ފޯރަމަކީ ޔުނައިޓެޑް ނޭޝަންސް ސެންޓަ ފޯ ރީޖަނަލް ޑިވެލޮޕްމެންޓް ( ޔޫއެންސީއާރްޑީ) އާއި ޖަޕާނު ސަރުކާރު ގުޅިގެން އިންތިޒާމްކުރާ ފޯރަމެކެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ.