އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ސަރުކާރުގެ ފަރާތުން އެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު އެވެ. ތާރިގު ވަނީ ގާނޫނުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހަޅާފަ އެވެ. އެއީ ފައިސާގެ އަދަދުތައް މުރާޖައާކުރުމުގެ މާއްދާއާއި ރިޝްވަތު ހުށަހެޅުމާއި މަންފާއެއްގެ ގޮތުގައި ފައިސާ ދިނުމުގެ މާއްދާގެ އިތުރުން ހައްދުގެ ކުށްތައް ބަޔާންކޮށްފައިވާ މާއްދާ އެވެ.

ފައިސާގެ އަދަދުތައް މުރާޖައާކުރުމުގެ މާއްދާގައި މިހާރު ބުނެފައި ވަނީ ފައިސާގެ އަދަދުތަކަށް ބަދަލު ގެނައުމަށް ޓަކައި މަދުވެގެން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ރައްޔިތުންގެ މަޖިލީހުން އެ އަދަދު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަންޖެހޭނެ ކަމަށެވެ.

ތާރިގު ހުށަހަޅުއްވާފައިވާ އިސްލާހުގައި މިހާރު ބުނެފައި ވަނީ ފައިސާގެ އަދަދުތަކަށް ބަދަލު ގެނައުމަށް ޓަކައި މަދުވެގެން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އެ އަދަދު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ގާނޫނުގެ 314 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ މާއްދާގެ (ހ)ގެ ދަށުން ގަބޫލުކުރުމުގެ ހުއްދަ ނެތް މަންފާއެއް ލިބިގެންފި މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

ހައްދުގެ ކުށްތައް ބަޔާންކޮށްފައިވާ މާއްދާގައި މިހާރު ބުނެފައި ވަނީ ގުރުއާނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނުލް އުގޫބާތާއި ގުރުއާނުގައި ކަނޑައަޅާފައިވާ އުގޫބާތެއް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.

އެ މާއްދާއަށް ތާރިގު ހުށަހަޅާފައިވާ އިސްލާޙުގައި ބުނެފައި ވަނީ މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް އެއްވެސް ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އަދި އެ މީހާގެ މައްޗަށް ހައްދު ގާއިމުކުރުން މަނާކުރާ ޝަރުއީ ސަބަބެއް ނެތް ނަމަ، އެ މީހާގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ހައްދުގެ އަދަބެވެ.

އަނެއް އިސްލާޙުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ހައްދުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މިންގަނޑުން ސާބިތުނުކުރެވުނު ކަމަށް ވިޔަސް ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށެއް ސާބިތުކުރަން ކަނޑައަޅާފައިވާ މިންގަނޑުން އެ ކުށެއް ސާބިތުކުރެވިއްޖެ ނަމަ، އެ ގާނޫނުގެ ދަށުން އެ ކުށަކަށް ކަނޑައެޅިފައިވާ އަދަބެއް ދޭންވާނެ ކަމަށެވެ.

ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ އުގޫބާތާއި ކުށްކުށާއި އުގޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާއުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަންތައްތަކާއި އަދަބު ކަނޑައެޅުމުގެ އުސުލާއި އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.