ރަނގަޅު ގޮތުގައި ކުނި މެނޭޖު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި "3 އާރު"ގެ ނަމުގައި މައުރަޒެއް ފަށައިފި އެވެ.

މިހާރު ކުރިއަށްދާ ހަ ވަނަ ރީޖަނަލް 3 އާރު ފޯރަމް އާ ގުޅިގެން މިއަދު ދަރުބާރުގޭގައި ފެށި މައުރަޒު ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލްޣަފޫރެވެ. އަދި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ޖަޕާނުގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔަސުހީރޯ އޮޒާޓޯ ވެސް ވަނީ އެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

މިއަދު ދަރުބާރުގޭގައި ހުޅުވައިދެއްވި މައުރަޒުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިހާރު ކުރިއަށްދާ ފޯރަމްއާ ގުޅުވައިގެން ކުރިއަށްދާ މައުރަޒު އެ ފޯރަމް ނިމެންދެން ހުޅުވާފައި ހުންނާނެ ކަމަށް ފޯރަމް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

މިއަދު ފެށި މައުރަޒުގައި ތިމާވެއްޓާ ގުޅުންހުރި އެކި މުހިއްމު މައުލޫމާތުތައް ގިނަ ބަޔަކަށް ފޯރުކޮށްދޭނެ އެވެ. އެގޮތުން ތިމާވެއްޓާ ގުޅޭ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ހިޔާލާއި އެހެނިހެން މައުލޫމާތު އެ އެގްޒިބިޝަން މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

މިއަދު ދަރުބާރުގޭގައި ހުޅުވައިދެއްވި މައުރަޒުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމާއި ތިމާވެއްޓާ އޮޮތް ގުޅުމާ މެދު އިތުރަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެ މައުރަޒުގައި ވަނީ ފޮތްތަކެއް ތައްޔާރުކޮށް ދައްކާލައިފަ އެވެ.

މިއަދު ފެށި ފޯރަމްގައި ދުނިޔޭގެ 33 ގައުމަކުން މަންދޫބުން ބައިވެރިވެ އެވެ. އެ ފޯރަމްގައި ސަރުކާރުތަކުގެ ފަރާތުން 141 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި އަށް މިނިސްޓަރުންނާއި ހަތަރު ސްޓޭޓް މިނިސްޓަރުންނާއި މޭޔަރަކާއި ގަވާނާއެއް ހިމެނިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ގައުމުތަކުގެ ސަރުކާރުތައް ތަމްސީލު ކުރައްވާ ބޭފުޅުންގެ އިތުރުން އެކި އެކި ޖަމާއަތްތައް ތަމްސީލުކުރައްވާ 111 ބޭފުޅުންނާ އެކު ޖުމްލަ 250 ބޭފުޅުން އެ ފޯރަމްގައި ބައިވެރިވަޑައިންނަވާނެ އެވެ.