ސްރީލަންކާގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިހާބުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އަނެއްކާ ވެސް ބަލިވެއްޖެ އެވެ.

ރާޖަޕަކްސާ ވަނީ އެކަން ގަބޫލުކުރައްވައިފަ އެވެ. ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ރާޖަޕަކްސާ މިއަދު ވިދާޅުވީ ވޯޓުގެ ފުރަތަމަ ނަތީޖާތައް ދައްކާ ގޮތުން އޭނާ އަށް ބޮޑުވަޒީރު ކަމަށް ވަޑައިގަންނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު ރަނގަޅު "ފައިޓެއް" ދެވުނު ކަމަށާއި ސަރުކާރުގެ ރަނގަޅު ސިޔާސަތުތަކަށް ތާއީދު ކުރައްވާނެ ކަމަށާއި އެކަމަކު ގޯސް ކަންތައްތަކާ ދެކޮޅު ހެއްދެވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ރާޖަޕަކްސާ އާއި ފެމެލީ --

މިދިޔަ ޖެނުއަރީ މަހު އޮތް އިންތިހާބުގައި ވެސް، ދެ ދައުރުގައި ލަންކާގައި ވެރިކަން ކުރެއްވި އަދި 26 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމެވި ލީޑަރު ރާޖަޕަކްސާ،69،، ވަނީ އިންތިހާބުން ބަލިވެފަ އެވެ.

އިއްޔެެގެ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތެއް ނުލިބެ އެވެ. ނަމަވެސް މިހާތަނަށް ނަތީޖާ ސާފުކުރި ހަ ޑިސްޓްރިކްގެ ނަތީޖާގައި ކުރީގައި އުޅެނީ މިހާރުގެ ވެސް ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހާގެ ޕާޓީ، ޔޫއެންޕީ އެވެ. ޖުމްލަ 22 ޑިސްޓްރިކްގެ ތެރެއިން 16 ޑިސްޓްރިކެއްގެ ނަތީޖާ އަދި ސާފެއް ނުކުރެ އެވެ.

ރާޖަޕަކްސާގެ ޕާޓީގެ ސީނިއާ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ، އެ ބޭފުޅުންގެ ކޯލިޝަން ލީޑް ކުރާ ޕާޓީ، ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ބަލިވެފައިވާ ކަމަށެވެ. އޭނާ ފޯކާސްޓް ކުރާ ގޮތުގައި ޔޫއެންޕީ އިން 11 ޑިސްޓްރިކްޓެެއް ކާމިޔާބު ކުރާނެ އެވެ. އަދި އެއީ މައިނޯރެޓީ ސަރުކާރެއް ގާއިމު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ލަފާ ކުރާ ގޮތުގައި ރާޖަޕަކްސާގެ އެސްއެލްއެފްޕީ އެލަޔަންސަށް ލިބޭނީ ނުވަ ޑިސްޓްރިކެކެވެ. ޓެމިލް ނޭޝަނަލް އެލަޔަންސަށް ތިން ޑިސްޓްރިކްކެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ސެންޓާ ރައިޓް ޕޮލިސީއެއް ގެންގުޅޭ ރަނިލް ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު ބޮޑެވެ. އަދި އެ ސަރުކާރަކީ ހުޅުވިފައިވާ ސިޔާސަތެއް ގެންގުޅޭ އަދި ޖަވާބުދާރީ ވުމުގެ އުސޫލުތައް ގެންގުޅޭ ސަރުކާރަކަށް ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ރައީސް ސްރިސޭނާގެ މަދަދުގާރަކު ވިދާޅުވީ ސިރިސޭނާ ބޭނުންފުޅު ވަނީ، އެސްއެލްއެފްޕީ އާ އެކު ހުރިހާ ބަޔަކު ވެސް ހިމެނޭ ގޮތަށް ނޭޝަަނަލް ޔުނިޓީ ސަރުކާރެއް ގާއިމު ކުރުމަށެވެ. އޭރުން ގާނޫނު އަސާސީ އަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމަށް ތިންބައިކުޅައެއްބައި އަޣުލަބިއްޔަތު ޕާލަމެންޓްގައި ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.