18 Aug 2015, 13:29
ބެންކޮކްގެ އިރަވަން ޝްރައިން ސަރަޙައްދަށް ބަޔަކު ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ތައިލަންޑުގެ ބޮޑު ވަޒީރު، ޖެނެރަލް ޕްރަޔޫތު ޗާންއޯޗާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ އެ ޚަބަރު އެމަނިކުފާނު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކު ކަމުގައި ކަމަށެވެ. އަދި ތައިލަންޑުގައި ހިނގި ޓެރަރިޒަމްގެ އެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދު ވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި މިކަމުގައި ތައިލަންޑާއި ބައިނަލްއަގްވާމީ ދުނިޔެއާ އެކު ރާއްޖެ އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.