19 Aug 2015, 16:42
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކަމުމުގައި އުޅެމުން ދިޔަ ބިދޭސީ ދެ މީހެއްގެ މައްސަލަ ޑިޕާޓުމަންޓް އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނުން ބަލަން ފަށައިފި އެވެ.
އިމިގުރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ބަލަން ފެށީ އިއްޔެ ކަމަށެވެ. އަދި ބުނީ އެ މައްސަލާގައި އުޅެނީ ބަންގުލަދޭޝުގެ ދެ ރައްޔިތެއް ކަމަށްވާ ސައިފުލް އިސްލާމް ކިޔާ މީހަކާއި އޭނާގެ ބޭބެ ޝާހު ޖަހާނު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އެ ޑިޕާޓުމަންޓުން ބުނީ މީގެ މަހެއްހާ ދުވަސް ކުރިން އެ ދެ މީހުން އުޅެމުންދާ ގޮތް އިމިގުރޭޝަނުން މޮނީޓާ ކޮށްފައިވާ ކަމަށެވެ.
"އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި ދެ ބިދޭސީން ގެނެވުނު އިރު އެމީހުންގެ އަތުން ގިނައަދަދަކަށް ބޭރުފައިސާ އާއި ދިވެހި ފައިސާ ފެނިފައިވެ އެވެ. އަދި ސައިފުލް އިސްލާމުގެ ނަމުގައިވާ 2 ކުރެޑިޓް ކާރޑުގެ އިތުރުން 5 ބިދޭސީއެއްގެ ކްރެޑިޓް ކާޑަކާއި ދިވެއްސެއްގެ ކްރެޑިޓް ކާރޑެއް އަދި ބީއެމްއެލްގެ 4 ޗެކް، އިސްލާމިކް ބޭންކުގެ 4 ޗެކް ސައިފުލް އިސްލާމުގެ އަތުން ފެނިފައިވެ އެވެ. ޝާހުގެ ޖަހާންގެ އަތުން ފެނިފައިވާ ފައިސާގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ 5 ޗެކު، އެސް.ބީ.އައިގެ ޗެކެއް އަދި ބަންގަލަދޭޝްގެ ބޭންކެއް ކަމުގައިވާ އުއްތާރާ ބޭންކުގެ ޗެކެއް ފެނިފައިވެއެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ އެ ޑިޕާޓުމަންޓުގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީންގެ އެސެސްމަންޓް ހެދުމަށްފަހު މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސަށް އެ ދެ މީހުން ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.