ކޮޅުބުން: މުހައްމަދު ސިމާއު

މިހަފްތާތެރޭ ސްރީ ލަންކާގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔަބު ކުރި ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަސިންހާ ސްރީ ލަންކާގެ އާ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ލަންކާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޮޑުވަޒީރު ކަމުގެ ހުވާ ރަނިލް ކުރައްވާފައި ވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރިމަތީގަ އެވެ.

އެ ރަސްމިއްޔާތުގައި ލަންކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ޔޫޕީއެފްއޭ އިން ކުރުނެގަލަ އަށް އައްޔަންވި މެންބަރު މަހިންދާ ރާޖަޕަކްސަ ވެސް ބައިވެރިވެވަޑައިގަތްފައިވެ އެވެ.

ރަސްމިއްޔާތަށް ފަހު، ޔޫއެންޕީގެ ޖެނެރަލް ސެކްރެޓަރީ ކަބީރު ހާސިމް އާއި އިދިކޮޅު އެސްއެލްއެފްޕީގެ ޖެނެރަލް ސެކްރެޓަރީ ދުމިންދަ ދިސަނަޔަކަ ވަނީ މަޖިލީހުގެ ތެރޭގައި ދެ ޕާޓީން އެކުގައި މަސައްކަތްކުރުމާ ގުޅޭ އެމްއޯޔޫއެގައި ސޮއިކޮށްފަ އެވެ.

ލަންކާގެ އާ ސަރުކާރުގެ ބޮޑު ވަޒީރުކަމަށް ރަނިލް އައްޔަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ނިއުސްފަސްޓް ޑޮޓް އެލްކޭ

މިއީ އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް 1977 ވަނަ އަހަރު އިންތިހާބުވި ފަހުން ރަނިލް ބޮޑުވަޒީރު ކަންކުރައްވާ ހަތަރު ވަނަ ފަހަރެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލި މަޖިލީހުގައި 38 އަހަރު ހޭދަކުރައްވާފައިވާ ކަމުގެ ރިކޯޑު ވެސް އޮތް ބޭފުޅެކެވެ.

މިދިޔަ ހޯމަ ދުވަހު ލަންކާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮލަންބޯ ޑިސްޓްރިކްޓުން ވާދަކޮށް ރަނިލް ވަނީ 500،506 ވޯޓު ހޯއްދަވާފަ އެވެ. މިއީ ލަންކާގެ އިންތިހާބުގެ ތާރީހުގައި ކެނޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނު ފަހަރެވެ.

ލޯޔަރުކަން ވެސް ކުރައްވާ އުމުރުން 66 އަހަރުގެ ރަނިލް އެންމެ ފުރަތަމަ ބޮޑު ވަޒީރު ކަމަށް އައްޔަންކުރައްވާފައި ވަނީ އޭރުގެ ރައީސް ރަނަސިންހާ ޕްރިމަދާސަ އަވަހާރަކޮށްލުމުން 1993 އަހަރުން ފެށިގެން 1994 ވަނަ އަހަރަށެވެ. އޭގެ ފަހުން 2001 ވަނަ އަހަރުން 2004 އަކަށް ބޮޑު ވަޒީރުކަން ކުރެއްވި އިރު، ތިން ވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ރަނިލް އައްޔަންކުރައްވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް ސިރިސޭނާ ވެރިކަމާ ހަވާލުވެލެއްވުމަށް ފަހު އެވެ.