ވިޔަފާރިތަކަށް އެހީތެރިވުމަށް އިސްލާމިކް ފައިނޭންސްގެ ދަށުން މިރޭ 30 މިލިއަން ރުފިޔާގެ ސުކީމެއް ތައާރަފް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ "ފަސޭހަ މަދަދު" ނަމުގައި އިސްލާމިކް ޑިވެލޮޕްމެންޓް ބެންކް(އައިޑީބީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިކޮނޮމިކް މިނިސްޓުރީ ގުޅިގެން މިރޭ ތައާރަފް ކުރާ އިސްލާމިކް ފައިނޭންސްގެ ދަށުން ވިޔަފާރިތައް ކުރިއަށްގެންދިއުމަށް 30 މިލިއަން ރުފިޔާގެ ސުކީމެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ފައިސާ ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާއަށް ދޫކުރާނެ، އޭގެ ތެރޭގައި ޓެކްސީތައް އާކުރުމާއި ވިޔަފާރިއަށް ބޭނުންވާ އުޅަނދު ގަތުމަށް، ދެން އިމާރާތް ކުރުމުގެ ދާއިރާ އުޅޭނެ، މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާއަށް ލޯން ދޫކުރެވޭނެ." ތައުފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސުކީމުގެ ދަށުން ކުދި ވިޔަފާރިތަކަށް 100،000 ރުފިޔާ ދޫކުރާ އިރު މެދުފަންތީގެ ވިޔަފާރިތަކަށް 1،000،000 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. އެ ސުކީމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން އޮކްޓޫބަރު 29 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެސުކީމުގެ ދަށުން ދޫކުރާ ފައިސާ ދައްކާ އަދަދު ކަނޑައަޅަނީ ދަރަނި އަދާކުރުމަށް ހުށައަޅާ މުއްދަތާއި ތާވަލަށް ބަލައި އަހަރަކަށް ނުވަ ޕަސެންޓުގެ ރޭޓުންނެވެ. އެ ސުކީމުގެ ދަށުން އެއް އަހަރުގެ ގުރޭސް ޕީރިއަޑެއް ލިބެ އެވެ.

ދާދި ފަހަކުން އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ގެޓްސެޓް ނަމުގައި ވެސް ލޯން ސުކީމެއް ދޫކޮށްފަ އެވެ. ވިޔަފާރިތައް އުފެއްދުމަށް އެހީތެރުވުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 50 މިލިއަން ރުފިޔާގެ އިތުރު ލޯން ސުކީމެއް ތައާރަފް ކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓުރީ އިން ބުންޏެވެ.