24 Aug 2015, 10:48
ސްޕެނީޝް ސްޕަކަޕްގައި އެތުލެޓިކް ބިލްބޯއޯ އަތް ދަށުވި ބާސެލޯނާއިން ރޭ ސްޕެނިޝް ލީގްގައި ބިލްބޯއޯގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކާމިޔާބު ހޯދިއިރު ވާދަވެރި ރެއާލް މެޑްރިޑަށް ލަނޑެއް ޖެހިޔަ ނުދީ ސްޕޯޓިން ޖިއޯން އިން ހިފަހައްޓައިފި އެވެ.
ބާސާގެކޮޅަށް ހަތަރު ލަނޑު ވަން ސަޕްކަޕްގެ ފުރަތަމަ ލެގް މެޗް ކުޅުނު ބިލްބޯއޯގެ ސެން މެމްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗްގައި ބާސާގެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ 53 ވަނަ މިނެޓްގައި ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތުގައި ލުއިސް ސުއަރޭޒް އެވެ.

ރޭ ގެ މެޗްގައި ބިލްބޯއޯ ކޮލަށް ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާ ކުރަނީ --- ފޮޓޯ/ އޭޕީ
ރޭގެ މެޗަށް ބާސާގެ ކޯޗް ލުއިސް އެންރިކޭ ނިކުތީ ފޯވަޑް ނޭމާ ޑަސިލްވާ ބެންޗްގައި ބަހައްޓައިފަ އެވެ. އެހެންކަމުން މަޝްހޫރު އެމްއެސްއެންގެ ބަދަލުގައި ލިއޮނަލް މެސީއާ ލުއިސް ސުއަރޭޒްއާ އެކު އެންމެ ކުރީގައި ހަރަކާތްތެރިވީ ރަފޭލް އަލްސަންޓްރާ (ރަފިއާނާ) އެވެ.
މެޗްގައި ބާސާގެ މިޑްފީލްޑާ ސާޖިއޯ ބްސްކެޓްސްއާއި ޑިފެންޑާ ޑެނީ އަލްވެސް ވަނީ އަނިޔާވުމުގެ ސަބަބުން ބަދަލުކޮށްފަ އެވެ.
ރޭގެ މެޗްގައި ވެސް ފުރަތަމަ ހާފުގައި ބިލްބޯއޯއިން ވަނީ ބަސާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ނަމަވެސް ކްލައުޑިއޯ ބްރާވޯގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ ސީޒަން ފެށުނީ ވަރަށް މަތީ ލެވަލަކުން ކަމަށާއި ރޭގެ މެޗްގައި ޓީމުން ދެއްކި ކުޅުމަކީ ފުރިހަމަ ކުޅުމެއް ކަމަށެވެ.
"އަހަރެން ބުނިން ސްޕެނިޝް ސްޕކަޕްގެ ހާލަތަކީ މުޅިން ތަފާތު ހާލަތެކޭ. އެކަން ފެނިގެން އެދިޔައީ. އަހަރެމެން މިވަނީ އެތުލެޓިކް (ބިލްބޯއޯ) ހުއްޓުވާފައި. އެޓީމަށް ވުރެ ގިނަ ޗާންސް އަހަރެމެން އުފެއްދިން. އުނދަގޫ މޮޅަކުން ނަމަވެސް އަހަރެމެން މިވަނީ ކުރި ހޯދާފައި،" އެންރިކޭ ބުންޏެވެ.
އެންރީޚޭ ވަނީ އަނިޔާއަށް ފަހު ކުޅެން ނިކުތް ޖޯޑީ އަލްބާ ކުޅުން ފާހަގަކޮށްކޮށްފަ އެވެ. އަދި ޑެނީ އަލްވޭސް ގެ ބަދަލުގައި ކުޅެން ނިކުތް ސާޖީ ރޮބާޓޯގެ ކުޅުމަށް ވެސް ތައުރީފްކޮށްފަ އެވެ.
ބާސާއާ ވާދަވެރި ރެއާލް މެޑްރިޑް ރޭ ސްޕޯޓިން ޖިއޯންއާ ބައްދަލުކޮށް ލަނޑެއް ނެޖެހި އެއްވަރުވި އިރު ރޭގެ މެޗްގެ ހީރޯއަކަށްވީ ރެއާލްގެ ގިނަ ހަމަލާތަކެއް ދިފާއު ކުރި ސްޕޯޓިންގެ ކީޕަރު އީވާން ކްއެއްޔާރު އެވެ.
އެގާރަ އަހަރަށް ފަހު ރޭ ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގްގެ މެޗެއްގައި ކޯޗްކޮށްދިން ރެއާލްގެ ރަފޭލް ބެނިޓޭޒް ރެއާލްގެ ފޯމޭޝަން އަތުރާލާފައި ވަނީ ފޯ-ޓޫ-ތްރީ-ވަން ގެ ފޯމޭޝަނަނަށް އެންމެ ކުރީގައި ބެހެއްޓީ އާސެނަލްއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާ ކަރީމް ބެންޒަމާގެ ބަދަލުގައި ޖޭޒް ރޮޑިރިގޭޒް އެވެ.
ރޭ ގެ މެޗްގައި ރޮނާލްޑޯއަށް ވަނި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ.

ރޭ ސްޕެނީޝް ލިގްގައި ސްޕޯޓިންއާ ރެއާލް ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/ އޭޕީ
އެގޮތުން މެޗްގެ 11 ވަނަ މިނެޓްގައި ރޮނަލްޑޯ ފޮނުވާލި ބޯޅަ ސްޕޯޓިންގެ ކީޕަރު ކްއެއްޔާރު ވަނީ ދިފާއުކޮށްފަ އެވެ.
އަދި މެޗްގެ 33 ވަނަ މިނެޓްގައި އިސްކޯ ތަނަވަސް ކޮށްދިން ފުރުސަތުގައި ރޮނާލްޑޮ ފޮނުވާލި ބޯޅަވެސް ކްއެއްޔަރު ވަނީ ދިފާއުކޮށްފަ އެވެ.

ރޭ ސްޕެނީޝް ލިގްގައި ސްޕޯޓިންއާ ރެއާލް ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/ އޭޕީ
ރޭ ގެ މެޗްގައި އިންޓަ މިލާންއިން ރެއާލްއަށް ބަދަލުވި މާޓެއޯ ކޮވަޗިޗް ވަނީ މެޗްގެ 75 ވަނަ މިނެޓްގައި އިސްކޯގެ ބަދަލުގައި ކުޅެން ނެރެފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބެނިޓޭޒް ބުނީ ރެއާލްއިން ފައިނަލް ޕާސް ފޯރުކޮށްދިނުމުގައި މައްސަލަ އުޅޭ ކަމަށާއި ނަމަވެސް ދެ ވަނަ ހާފުގައި އޭނާގެ ޓީމުން ފެނުނު ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ.
"ފައިނަލް ޕާސް ފޯރުކޯށްދިނުމުގައި މައްސަލަ އެބައުޅޭ. ނަމަވެސް އަދި މީއި ފުރަތަމަ މެޗް. އަދި ޓީމަށް ގެންނަ ޖެހޭ އެތައް ބަދަލުތަކެއް ހުންނާނެ،" ބެނިޓޭޒް ބުންނެވެ.
ބެނިޓޭޒް ބުނީ ސްޕޮޓިންގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ.