ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް އަދި ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ޖަމީލާ އަލީ ހާލިދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ.

ސީއެސްސީގެ ރައީސަކަށް ޑރ. ޝަމީމު އަދި ނައިބު ރައީސަކަށް ޖަމީލާގެ ނަންފުޅު ފާސްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 61 މެމްބަރުންގެ އިއްތިފާގުން ނެވެ.

ސީއެސްސީގެ ރައީސް ކަމަށް ޑރ. ޝަމީމްގެ އައްޔަން ކުރެއްވުމަށް މަޖިލީހަށް މިއަދު ނަން ހުށަހަޅާފައިވާ އިރު އޭނާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ޑރ. ޝަމީމަކީ ކުރިން ހިއުމަން ރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވުމަށް ޖަމީލާގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވި އިރު އޭނާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުން އަރުވާ މަޝްވަރާއެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.