26 Aug 2015, 23:54
ހައުސިން މިނިސްޓްރީން ކަނޑައަޅާ މަގުތަކުގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އިގްތިސާދީ ކޮމެޓީން ނިންމައިފި އެވެ.
ކޮމެޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ މެމްބަރު އިބުރާހިމް ހަލީލް "ސަން" އަށް މިރޭ ވިދާޅުވީ، އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީން ނިންމީ އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
"އަޅުގަނޑުމެން [ކޮމެޓީން] ނިންމީ، މިވަގުތަށް ދެން އެ އިސްލާހު ކޮންމެހެން ފާސްކުރަން ނުފެންނަ ކަމަށް. އެހެންނަމަވެސް އެ މައްސަލައަށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަވާނީ،" ހަލީލް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ހައުސިން މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުމަތަކުގައި ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަން ވާނީ ހެލްމެޓު އަޅައިގެން ކަމަށެވެ.
އެބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޒިޔާޒު ވިދާޅުވީ، ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ، މިފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެކްސިޑެންޓުތައް ހިނގައި ގިިނަ އަދަދަކަށް މީހުންގެ ފުރާނަ ގޮސް، ބައެއް މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންނަށް ވަމުންދާތި ކަމަށެވެ.