30 Aug 2015, 09:12
ބަރުދަނުގައި 118 ކިލޯ ހުރި 20 އަހަރުގެ ޒުވާނެއް ހަތް މަސްތެރޭ 53 ކިލޯ ހިއްކާލި ވާހަކަ އަޑު އެހިންތޯ އެވެ؟ ފަހަރެއްގައި މިއީ ގަބޫލް ކުރަން ދަތިކަމަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ހަގީގަތެވެ. ހ.ދެވެލިކިނާރާ ސާއިދު އަލީ އެވަނީ 118 ކިލޯ އިން 65 އަށް ބަރުދަން ލުއިކޮށް ފަލަ މީހުންނަށް ހިކިލެވިދާނެ ކަމުގެ ނަމޫނާ ދައްކާފަ އެވެ.
އުމުރުން 20 އަހަރުގެ ސާއިދު ފަލަކޮށް ނުހުންނަ ހަދާނެއް އޭނާ ނުވެ އެވެ. ސުކޫލުގައި އުޅުނުއިރު އެ ސްކޫލެއްގައި ހުރި އެންމެ ފަލަ ކުއްޖާގެ މަގާމު އަބަދު ވެސް އޭނާއަށް އޮންނަނީ ލިބިފަ އެވެ. ސާއިދުގެ މުޅި އާއިލާއަކީ ވެސް ފަލަ މީހުންހިމެނޭ އާއިލާއެކެވެ. އެއާއެކު ނުރައްކާތެރި ހަކުރުބަލި ވަނީ އާއިލާގެ ގިނަ މެމްބަރުންނަށް ޖެހިފަ އެވެ. ސާއީދުގެ ޒަމާންވީ ފަލަ ހަޔާތް ނިމުމަކަށް ގެންނަން އޭނާ ނިންމި ސަބަބަކަށްވީ ރަނގަޅު ސިއްހަތެއްގައި ހުރުމެވެ.

ސާއިދު ސަންއަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްވާން
"އަސްލު ޑައިބެޓިކްސް [އާއިލާގައި] އުޅޭތީ އަޅުގަނޑުގެ ވެސް ވަރަށް ރިސްކް ހައިވާނެ ޑައިބެޓިކްސް ޖެހުމުގެ އެހެންވެ ކުރީންސުރެ ފަލަކޮށް ހުންނާތީ ހެލްތުއަށް ވިސްނާފައި އަސްލު ހިކެން ވިސްނީ." ސާއިދު ބުންޏެވެ.
މިދިޔަ އަހަރު އޭލަވަލް ނިންމި އަދި އޯލަވެލް އާއި އޭލަވެލްގައި ވެސް ގަދަ 10 ހޯދާފައިވާ ސާއިދު ހިކެން ވިސްނައި އެ މަސައްކަތް ފެށީ މި އަހަރު ފެބުރުއަރީ މަހު އެވެ. މިއަދު އޭނާ އެވަނީ އެލަނޑުދަނޑި ހާސިލްކޮށްފަ އެވެ. އޭނާ އެކަންކުރީ ފޮތްތަކާއި އިންޓަނެޓުގެ އެހީގައި އެއްކުރި މައުލޫމާތާއެކު އެވެ.
"އަސްލު ފާހަގަ ކުރެވުނީ ހަކުރާއި ކާބޯހައިޑުރޭޓާއި މިދޭއްޗަކީ އަސްލު ވަރަށް ފަލަކުރާ ދޭތި. އެހެންވެ އަޅުގަނޑު ޑިސައިޑުކުރީ [ނިންމީ] މުޅިން އަޅުގަނޑުގެ ޑައިޓުން އެއްކޮށް ހަކުރު އުނި ކުރަން. ދެން ކާބޯ ހައިޑުރޭޓް ވެސް." ހިކުނު ގޮތް ހިއްސާ ކުރަމުން ސާއިދު ބުންޏެވެ.

ސާއިދު އޭރާއި މިހާރުގެ ފޮޓޯއެއް-- ސަން ފޮޓޯ
ހިކުމަށް ޓަކައި ހެނދުނު ހޭލައިގެން އޭނާގެ ކެއުމަކީ ތަފާތު މޭވާ އާއި ގްރީން ޓީއެވެ. އެއަށް ފަހު ހަފްތާގެ ހަތަރު ދުވަހު ޖިމަށްދެ އެވެ. ޖިމަށް ގޮސް ކާޑިއޯ (ދުވުން، ބައިސްކަލް، ހިނގުން) ކޮންމެ ދުވަހަކު އެއް ގަޑިއިރަށް ކުރިއަށް ގެންދެ އެވެ. ސާއިދުގެ މެންދުރާއި ރޭގަނޑުގެ ކެއުމަށް ބޭނުން ކުރަނީ "ބުރައުން ރައީސް" އާއި ގަރުދިޔަ އާއި ރިހަ އެވެ. ކެއުމަށް ފަހު ބޮނީ ގްރީންޓީ އެވެ. ރޮށި ފަދަ ކެއުންތައް ދޫކޮށްލި އެވެ. ފަލަ ދުވަސްވަރު ބަނޑުހައިވާ ކޮންމެ ފަހަރަކު އެކި ކަހަލަ ފިޒީ ޑުރައިންކްސްތަކާއި "ޖިޕްސް" ކެއުމަށް އާދަވެފައި ހުރި ސާއިދު ހިކެންވެގެން އެއާދަ ދޫކޮށް ބަނޑުހައިވާ ވަގުތުތަކުގައި ކަނީ މޭވާ އެވެ. އެކަން އޭނާ ކާމިޔާބު ކުރީ ގޮންޖެހުންތަކާއެކު އެވެ.
"ކުރިން ކެއި އެއްޗެހިތައް އެއްކޮށް ހުއްޓާލީމަ އެންމެ އުނދަގޫ ކަމަކީ، އަޅުގަނޑު ކުރިން ވަރަށް ގިނައިން ކާން ހުދުބަތް، ދެން ވަރަށް ގިނައިން ރެސްޓޯރެންޓްތަކަށް ގޮސްސަ ޕިޒާ ކަހަލަ އެއްޗެހި ވަރަށްގިނައިންކާން، އެބައިތައް އެއްކޮށް ކުއިޓްކޮށްލަން [ނުކަން] އަޅުގަނޑު ނިންމީ، އެކަންވީ ވަރަށް އުނަދގޫ ކަމަކަށް، އަދި ހަކުރު ޑައިޓުން އުނިކޮށްލަން ވަރަށް އުނދަގޫވި." ސާއިދު ބުންޏެވެ.

ސާއިދު އޭރާއި މިހާރުގެ ފޮޓޯއެއް-- ސަން ފޮޓޯ
އުމުރުން 20 އަހަރު ވަންދެން ފަލަކޮށް ހުރި ސާއިދު މިއަދު ހިކި ލޫޅާފަތި ޒުވާނަކަށް ވެފައިވާ އިރު އޭނާ އެކަން ފާހަގަ ކުރަނީ ހަށިގަނޑަށް ލިބުނު އަރާމް ކަމާއެކު އެވެ.
"އަސްލު ވަރަށް ފަސޭހަ މިހާރު. ކުރީގައި ނަމަ އަޅުގަނޑަށް އާންމުކޮށް ދިމާވާކަމެއް އެއީ ބޮލުގައި ރިއްސުމާއި ބޯއެނބުރުމާއި އެގޮތަށް ވަރަށް އުނދަގޫކޮށް އުޅޭނީ. ދެން މާގިނައިން ހިނގާ ހެދީމާ ކަކުލަށް ތަދުވާނެ. ދެން ބުރަކަށީގައި ވެސް ވަރަށް ރިއްސާނެ. ބައެއް ފަހަރު އޮންނަން އެނދުގައި ނުތެދުވިފައި. އެގޮތަށް ވަރަށް ގިނަ ސިއްހީ މައްސަލަތައް ދިމާވީމާ އަޅުގަނޑު ނިންމީ ހިކެން، މިހާރު އެކަހަލަ ކަންކަމެއް ދިމައެއް ނުވޭ." ސާއިދު ބުންޏެވެ.
ސާއިދުގެ މިއަދުގެ އަޒުމަކީ ފަލަ ނުވެ އެވަރުގައި ހިފެހެއްޓުމެވެ. މިއަދު ފަލަކޮށް ތިބި މީހުންނަށް އޭނާ ދޭންބޭނުންވާ މެސެޖަކީ ހިތްވަރާ އެކު މަސައްކަތް ކުރުމެވެ. ހިކެން ބޭނުން ނަމަ ފަލަވާ ޒާތުގެ ކެއުމާއި ދުރަށް ގޮސް ކަސްރަތު ކުރުމަށް އޭނާ ނަސޭހަތްތެރިވެ އެވެ. ހިކެވޭނީ ވަރަށް ހިތްވަރުން ކަމަށް ސާއިދު ބުނެ އެވެ.