ހއ. ފިއްލަދޫ ފަޅަށް ގިނަ އަދަދެއްގެ ލައްޓި ވަނުމުން އެ ރަށު ރައްޔިތުން ނިކުމެ ގިނަ އަދަދަކަށް ލައްޓި ހިފައިފި އެވެ.

މަސް ހިފަން ހަރަކާތްތެރިވާ މުހައްމަދު ނާފިއު މިއަދު ސަން އަށް ބުނީ އެ ރަށު ފަޅަށް މިއަދު މާލައްޓި ވަދެފައިވާ އިރު 3000 ވަރަކަށް ލައްޓި، ދާ ޖަހައިގެން ހިފާފައިވާ ކަމަށެވެ. މިއަދު ހެނދުނު ވަން އެ ލައްޓި އައިނުގައި ވަރަށް ގިނަ އަދަދަކަށް ލައްޓި އުޅޭ ކަމަށް އޭނާ ބުންޏެވެ.

ފިއްލަދޫ ފަޅުން ލައްޓި ހިފަމުން ދަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް

"ވަރަށް ބައިވަރު އެބައުޅޭ، މިވަގުތު 3000 އެއްހާ މަސް ހިފިފަ ވާހެން ހީވޭ، މިހާރު ވެސް މަސް ހިފަން އުޅެނީ." ނާފިއު ބުންޏެވެ.

މިއަދު ހިފާ އެ ލައްޓީގެ ބަރުދަނުގައި 3.7 ކިލޯ އާއި ހަތަރު ކިލޯ ވަރު ހުންނައިރު މަސް ހިފާފައި ރަށުގެ ގޭބިސީތަކަށް ބަހަމުން އަންނަ ކަމަށް ވެސް ނާފިއު ބުންޏެވެ.

މިއީ ފަހުގެ ތާރީހެއްގައި ފިއްލަދޫ ފަޅަށް ލައްޓި އައިނެއް ވަތް ފުރަތަމަ ފަހަރެވެ. ނަމަވެސް ތަންކޮޅެއް ކުރިން ވަނީ އެ ރަށު ފަޅަށް ލައްޓި އައިނެއް ވަދެފަ އެވެ.

ފިއްލަދޫގެ އިތުރުން މި އަހަރުގެ ތެރޭގައި ތ. ބުރުނީ ފަޅުތެރެއިން ވެސް ވަނީ ރާގޮނޑިހިފައިފަ އެވެ. އެ ރަށު ފަޅުތެރެއިން ރާގޮނޑި ހިފުމަކީ ދޭތެރެ ދޭތެރެއިން ކުރަމުން އަންނަ ކަމެކެވެ.