ނ. ވެލިދޫގައި ބަނގުރާ އުފައްދައި އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު އެރަށުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ވެލިދޫގައި މިވަގުތު ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އެމީހާ ހައްޔަރުކޮށްފައި ވާއިރު، ކޯޓް އަމުރެއްގެ ދަށުން ވެލިދޫގެ ގޯއްޗެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަންގައި އެ ގޯތި ބަލައިފާސްކުރިއިރު ތަޅުލާފައި ހުރި ގުދަނެއްގެ ތެރެއިން ބަނގުރާ ތައްޔާރު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ހަން ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާއަކީ ތަފާތު އެކިކަންކަމާ ގުޅިގެން ދެ ފަހަރު ހުއްޓުވައި ސުވާލުކޮށް ހަތް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަތަރު ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަަމަށެވެ. އަދި އޭނާގެ މައްޗަށްތުހުމަތު ކުރެވޭ ތިން މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން އެމީހާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.