މެރިން އިންޖިނިއަރިންގެ ދާއިރާއިން ދަރިވަރުންގެ މައުލޫމާތު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ކުންފުންޏަކާއި ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން މޯލްޑިވްސް ޕޮލިޓެކްނިކުން "ދޫސަން މެރިން އިންޖީން ޓްރެއިނިންގ"ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

ސައުތު ކޮރެއާގެ މަޝްހޫރު ދޫސަން އިންފްރާކޯ އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ޕޮލިޓެކްނިކްގައި މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ފެށުނު "ދޫސަން މެރިން އިންޖީން ޓްރެއިނިންގ" ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތަމްރީނު ޕްރޮގްރާމާ ބެހޭގޮތުން ބައިވެރިންނާއި މުހާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ، މިފަދަ ތަމްރީނު ތަކުގެ ސަބަބުން ގިނަ އަދަދެއްގެ ހުނަރުވެރި ޒުވާނުންތަކެއް ވަޒީފާގެ މައިދާނަށް ތައްޔާރު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ޔަގީންކުރަން މި ސަރުކާރުގެ ތަރުބަވީ ތަޢުލީމްގެ ސިޔާސަތުގެ ތެރެއިން މި ފަދަ ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ޒުވާނުން ފަންނީ ދާއިރާތަކަށް ހުނަރުވެރި ކުރުވޭނެ ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވަކިވަކި ދާއިރާތަކުން ގާބިލް ފަންނީ ޒުވާނުން ތަމްރީނުކުރުމަށް އަވަސް މުސްތަގުބަލެއްގައި އިންޓާންޝިޕް އަދި ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައްވާނެ ކަމަށްވެސް ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ފެށުނު "ދޫސަން މެރިން އިންޖީން ޓްރެއިނިންގ" ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ ޑިރެކްޓަރ ޖެނެރަލް އާއިޝަތު ޝިފާ ވިދާޅުވީ، ފަންނީ ދާއިރާތަކުން ޒުވާނުން ބިނާ ކުރުމަށް އެ މަރުކަޒުން ކުރަމުން ގެންދާ މަސައްކަތްތަކުގައި، ސިނާއަތްތަކާ ގުޅުން ބަދަހި ކުރުމަށް އަބަދުވެސް އިސްކަން ދޭ ކަމަށެވެ.

" އަމަލީ މައިދާނަށް ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެންނާއި އެކު ހަރަކާތްތެރި ވުމަށް ފަންނީ ސިނާއަތްތަކަށް އަޅުގަނޑުމެން އަބަދުވެސް މަރުހަބާކިޔަން،" ޝިފާ ވިދާޅުވި އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ފެށުނު "ދޫސަން މެރިން އިންޖީން ޓްރެއިނިންގ" ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޖުމުލަ 16 ދަރިވަރުން ބައިވެރިވި 'ދޫސަން މެރިން އިންޖީން ޓްރެއިނިންގ' ޕްރޮގްރާމްގައި ދަރިވަރުންނަށް ތިއަރީ އަދި އަމަލީ ތަމްރީނު ދިނުމަށް ހަމަޖެހިފައި ވާއިރު އެ ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ސައުތު ކޮރެއާގެ ދޫސަން އިންފްރާކޯގެ ތަޖުރިބާކާރުންނެވެ.