އޭނާ ދެކޭ ގޮތުގައި އެންމެންނަށް އަޅާލައި ދިރިއުޅުމެއް ހޯދުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. ތިބާގެ ވެސް މަސްއޫލިއްޔަތެވެ. ފަތިހުގެ އަރާމު ނިދި މަހުރޫމުކޮށް އޭނާ ތެދުވަނީ އެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. ލޯބީގެ ހިދުމަތުން އުފާވެރިކަން ލިބިގަތުމަށެވެ.

މިއީ ލޯބީގެ ވާހަކައެއް ނޫނެވެ. ނަމަވެސް އިންޑިއާގެ ޗެންނާއީގައި އުޅޭ "ބާޑްމޭން" ގެ ނަމުން މަޝްހޫރު ޝޭކަރުގެ ދިރިއުޅުމުގެ އެއްބައެވެ. ވޭތުވެދިޔަ 10 އަހަރު މެދުކެނޑުމެއް ނެތި، ކޮންމެ ދުވަހެއްގެ ފަތިހު ހަތަރެއް ޖަހާއިރު އޭނާ ހޭލަނީ ގުރައަށް ކާންދިނުމަށް ބަތް ތައްޔާރުކުރާށެވެ.

ހެނދުނު އަރާ އިރާއެކު އެކި ދިމަދިމާލުން ހެނދުނުގެ ނާސްތާއަށް އަންނަ ގުރާތަކަށް ކާންދޭން ވެގެން ފަތިހު 5:45 ގެ ކުރިން އޭނާ ގޭގެ ބެލްކަނީގައި 14 ރެކް ބަހައްޓައި އޭގެ މަތީގައި ބަތް އަތުރައި ނިންމަ އެވެ. ހަމަ އެގޮތަށް ހަވީރު ހަތަރެއް ޖަހާއިރު ވެސް ގުރާތަކަށް ކާން އަޅައެވެ.

"އަހަރެން ފުރަތަމަ ފެނާއި ކާއެއްޗެހި އަޅަންފެށީ ގޭގެ ފާރުބުރި މަތީގައި. އޭރު ސްޕެރޯ އާއި މުގޮށިމީދާ ކަހަލަ ކުދި އެއްޗެހި އައިސްކާނެ. އޭގެ ފަހުން ސުނާމީ ކާރިސާގައި ހައިރާން ކުރުވީ، ދެ ގުރައެއް ކާން ވެގެން އައިސް ޖެއްސީމަ،" މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ޝޭކަރު ބުންޏެވެ.

އޭނާ ބުނާގޮތުން، އޭނާ ކައިރިއަށް މިހާރު ގާތްގަނޑަކަށް 3000 އާއި 2000 އާދެމެދުގެ އަދަދަކަށް ގުރާ ކާން އަންނައިރު، ވިއްސާރަ މޫސުމުގައި އެ އަދަދު 4000 އަރައެވެ.

ކެމެރާ މެކޭނިކެއްގެ ވަޒީފާ އަދާކުރާ ޝޭކަރަށް ލިބޭ މުސާރައިގެ 40 ޕަސެންޓު ގުރާތަކަށް ކާން ދިނުމަށް ހޭދަކުރާއިރު، ބާކީ ބައި ހަރަދުކުރަނީ އޭނާގެ އާއިލާއަށެވެ.

"ކުޑަ ދިރޭ އެއްޗެއް ކަމުގައި ވިޔަސް ގޭގައި އުޅޭ ދަރިން ކަމުގައި ވިޔަސް، ލޯބި ވާންވާނީ އެއް ގޮތަކަށް. ލޯތްބަކީ ދިރިއުޅުން. ލޯތްބެއްގެ މައްޗަށް ބިނާ ވެފައި އޮންނަ ދިރިއުޅުމަކީ ހަގީގީ ދިރިއުޅުން،" ޝޭކަރު ބުންޏެވެ.