ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ބާއްވާ ޕްރެޒިޑެންޓްކަޕްގައި ވާދަކުރާ ޓީމްތަކުގެ ޚަރަދަށް ފަސް މިލިއަނާއި ހަ މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް އެފްއޭއޭމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްއިން ކުލަބުތަކަށް އެހާވަރަށް ހޭދަވާނެކަމަށް ނިންމީ އެއިދާރާއިން ހެދި އަންދާޒާ ތަކަށްފަހުގައި ކަމަށެވެ.

އޭގެތެރެއިން ބޮޑު ހޭދައެއް ހިނގަނީ ޓީމްތަކުގެ ޓްރާންސްޕޯޓަށް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓީމްތަކުން ރަށްރަށުގައި ތިބޭއިރު އެކަމަޑޭޝަންއާއި ކެއުމުގެ ކަންކަންވެސް ޓީމްތަކުން ބަލަހައްޓަން ޖެހޭނީ އެފްއޭއެމްއިން ޓީމްތަކަށް ދޫކުރާ ފައީސާއިންނެވެ.

ޓީމްތަކުގެ އެކޮމަޑޭޝަންއާއި ކެއުމުގެ ކަންކަމަށް ކޮންމެ ޓީމަކަށް އެފްއޭއެމްއިން ވަނީ 70000 ރުފިޔާ ދޭން ނިންމާފައެވެ.

ބައްސާމް ވިދާޅުވީ، އަންނަ ހަފުތާގައި އެފައިސާ ކްލަބުތަކާ ހަވަލުކުރާނެ ކަމަށެވެ.

މުބާރާތުގެ ސެމީފައިނަލަށް ދާ ޓީމްތަކަށް އިތުރަށް ފައިސާ ދޫކުރަން ހަމަޖެހިފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ.

މުބާރާތުގެ ސެމީފައިނަލް ދެ މެޗާއި ފައިނަލް މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

އެހެންކަމުން ކުޅުދުއްފުށީގައި ކުޅޭ ގްރޫޕް އޭ އިން ސެމިއަށް ދާ ދެޓީމް އައްޑޫއަށް ދިއުމަށްވެސް ފައިސާ ހަރަދުވާނެއެވެ.